ނޭޕާލުގެ ސަރުކާރުގެ ކަރަޕްޝަން އާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ފެށި މުޒާހަރާ ހޫނުވެ، އެ ގައުމުގެ ދާޚިލީ ވަޒީރު ރާމޭޝް ލެކާކް އިސްތިއުފާދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ހުށަހެޅުއްވީ ހޯމަ ދުވަހުގެ ހަވީރު ބަލުވަތާރުގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައި ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ އަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މިނިސްޓަރަކާ ހަވާލާދީ ކަތުމަންޑޫ ޕޯސްޓުން ބުނެފައިވަނީ، ހޯމަ ދުވަހު ހިނގި ޖެން ޒީ މުޒާހަރާ ގައި 19 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަޚަމް ވުމާ ގުޅިގެން، ލެކާކް އިސްތިއުފާދެއްވީ އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވާތީ ކަމުގައެވެ.
ލެކާކް ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެވުނީ 15 ޖުލައި 2024 ގައެވެ.
ޒުވާނުންގެ އިސްނެގުމުގެ ދަށުން ފެށުނު ޖެން ޒީ އިހުތިޖާޖު ތަކަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށާއި އިޞްލާޙުތަކަށް ގޮވާލައި، އެ ގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތަކެކެވެ. އަދި މިހާރު އެ އިހުތިޖާޖުތައް ވަނީ ބޮޑެތި ސިޓީތަކަށް ފެތުރިފައެވެ. ހޯމަ ދުވަހު ކަތުމަންޑޫ އާއި އެހެނިހެން ސިޓީތަކުގައި މުޒާހަރާތައް ވަރުގަދަވެ، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ރަބަރު ވަޒަން ޖަހާފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، ސަރުކާރަށް ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވެއެވެ.
އަނެއްކޮޅުން ރަސްޓްރިޔާ ސްވަތަންޓްރާ ޕާޓީ (އާރް.އެސް.ޕީ) އިން ވަނީ ވެރިކަމުގެ ގާނޫނީ ހައްސިއްޔަތު ގެއްލިފައިވާ ކަމަށް ބުނެ، ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޯލީގެ އިސްތިއުފާ އަށް ގޮވާލައި، އައު އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފައެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އެ ޕާޓީން ވަނީ ކަތުމަންޑޫގައި ހިނގި ޖެން ޒީ އިހުތިޖާޖާމެދު ސަރުކާރުން ޢަމަލުކުރި ގޮތް ކުށްވެރިކޮށްފައެވެ.
"މިހާރުގެ ސަރުކާރުގެ މުޅިން ނިމުމަކަށް އައިސްފައިވަނީ. އަޅުގަނޑުމެން ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލަން. މި ހާދިސާ ތަހުގީގުކޮށް، ހޯމް މިނިސްޓަރާއި އެހެން ޒިންމާދާރު ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް މަތީ ފެންވަރުގެ ތަހުގީގީގީ ކޮމިޝަނެއް އުފައްދަންޖެހޭ،" އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ބުނެފައިވެއެވެ.
ފެޑެރަލް ޕާލިމަންޓުގައި ހަތަރުވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ އާރް.އެސް.ޕީ އިން އިންޒާރުދީފައިވަނީ، "މީހުންގެ ދަރިންގެ ލޭ އޮހޮރުވައިގެން ނުބައި ވެރިކަމެއް ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ރައްޔިތުން ގަބޫލެއް ނުކުރާނެ. މި އަނިޔާވެރި ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ" ކަމަށެވެ.
ހޯމަ ދުވަހު ފުލުހުން މުޒާހަރާކުރި މީހުންނާ ދިމާލަށް ބަޑި ޖެހުމުން 19 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަޚަމްވިއެވެ. ޒަޚަމްވި މީހުން ގައުމުގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދެއެވެ.