ނޭޕާލްގެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އާއި ޚުދުމުޚުތާރުކަން އާންމު ވުމާ ގުޅިގެން އެކަންކަމާ ދެކޮޅަށް އެގައުމުގެ "ޖެން ޒީ" މުޒާހަރާ އަށް ނުކުމެއްޖެއެވެ.
މުޒާހަރާތަކަށް ނުކުތް އިރު ނޭޕާލް ސަރުކާރުން ވަނީ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް އެ ގައުމުގައި މަނާ ކޮށްފައެވެ.
ހޯމަ ދުވަހުގެ މުޒާހަރާގައި ސަރުކާރުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާކުރި ފަރާތްތަކާ ދެމެދު ހިނގި ޖެހުންތަކުގައި މަދުވެގެން 14 މީހުން މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް މަނާކުރުމާ ގުޅިގެން ކަތުމަންޑޫގައި ހުންނަ ޕާލަމެންޓް އިމާރާތް ކައިރި އަށް އެއްވުމަށް "ޖެނެރޭޝަން ޒީ" ގެ ގޮތުގައި ސިފަކުރާ ފަރާތްތަކުގެ ގޮވާލުމަށް އެތައް ހާސް މީހުން އިޖާބަދިނެވެ.
ނޭޕާލްގެ މުވާސަލާތާބެހޭ ވަޒީރު ޕްރިތްވި ސުއްބާ ބީބީސީ އަށް ވިދާޅުވި ގޮތުގައި ފުލުހުން ފެން ބަޑި އާއި، މުގުރާއި އަދި ރަބަރު ވަޒަން ބޭނުން ކޮށްގެން ބާރުގެ ބޭނުން ކުރަން ޖެހުނެވެ. ދޮގު ޚަބަރާއި ނަފްރަތުގެ ވާހަކަތަކާއި އަދި އޮންލައިން ފްރޯޑް ހުއްޓުވުމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރަން ޖެހޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް އިންސްޓަގްރާމް ފަދަ މަޤްބޫލު ޕްލެޓްފޯމްތަކުގައި ނޭޕާލްގެ އެތައް މިލިއަން މީހުން ތިބި އިރު އެފަރާތްތަކުން މިފަދަ ޕްލެޓްފޯމްތައް ބޭނުން ކުރަނީ މުނިފޫހިފިލުވުމާއި، ޚަބަރާއި، ވިޔަފާރި ކުރިއެރުވުމަށް ބަރޯސާވާ ވަސީލަތްތަކެއްގެ ގޮތުގައެވެ. މުޒާހަރާކުރި ފަރާތްތަކުން "މިހާރު ފުދިއްޖެ" އަދި "ކޮރަޕްޝަން ހުއްޓުވާ" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުތެވެ. ބައެއް މީހުން ބުނި ގޮތުގައި އެމީހުން މުޒާހަރާކުރަނީ ސަރުކާރުގެ ޚުދުމުޚުތާރު ކަމާއި، ކަރަޕްޝަން އާ ދެކޮޅަށެވެ.
Nepal’s Gen Z citizens are protesting against the social media ban 🤯
— Sarcasm (@sarcastic_us) September 8, 2025
pic.twitter.com/DjdHsuxRhD
ނޭޕާލުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ސަރުކާރުގެ ތެރޭގައި ކަރަޕްޝަން ވަނީ އާންމު ވެފައެވެ. އޭގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމާއި، އިގްތިސާދީ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރު ނުކުޅެދިފައި ވުމުގެ ސަބަބުން ވެސް ސަރުކާރަށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
މުޒާހަރާ ކުރި މީހުން ޕާލަމެންޓް ކައިރީގައިވާ މަނާ ސަރަހައްދަކަށް ވަދެގަނެ، ބައެއް ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ފާރު މަތިން އެރިއެވެ. ފުލުހުންގެ ތަރުޖަމާނު ޝޭކަރު ކަނާލް އޭއެފްޕީ އަށް ބުނި ގޮތުގައި މުޒާހަރާކުރާ ފަރާތްތައް މަނާ ސަރަހައްދަށް ވަދެގެން ދިޔުމުން ކަރުނަގޭސް އަދި ފެން ބަޑި ބޭނުން ކުރެވުނެވެ. ކަތުމަންޑޫ ޑިސްޓްރިކްޓް އޮފީހުގެ ތަރުޖަމާނަކު ބުނި ގޮތުގައި ޕާލިމެންޓް އިމާރާތައް މުޒާހަރާކުރާ ފަރާތްތައް ވަންނަން މަސައްކަތް ކުރުމާ ގުޅިގެން ޕާލަމެންޓް އިމާރާތް ހިމެނޭ ސަރަހައްދުތަކުގައި ކަރްފިއު ތަންފީޒު ކުރެވުނެވެ.
މުޒާހަރާތައް ހޫނު ވަމުންދާއިރު ނޭޕާލްގެ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ދެވުނު މުއްދަތަށް އަމަލު ނުކުރުމާ ގުޅިގެން ފާއިތުވި ހަފްތާގައި 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރުމަށް އަމުރު ކުރެވުނެވެ. ހުކުރު ދުވަހުން ފެށިގެން މި ޕްލެޓްފޯމުތައް ބޭނުންކުރާ ފަރާތްތަކަށް މި ޕްލެޓްފޯމްތަކަށް ވަދެވުމުގައި ދަތިތަކާ ކުރިމަތިވެފައި ވާއިރު، ބައެއް މީހުން ވީޕީއެން ބޭނުން ކޮށްގެން މިއެ ޕްލެޓްފޯމުތައް ވަންނަމުން ދެއެވެ. މިހާތަނަށް މަނާކުރުމަށްފަހު މިނިސްޓްރީގައި ރަޖިސްޓްރީވުމާ ގުޅިގެން ދެ ޕްލެޓްފޯމެއް އަލުން އެކްޓިވޭޓް ކުރެވިފައިވެއެވެ.
ނޭޕާލްގެ ސަރުކާރުން ބުނެފައި ވަނީ އެމީހުން ސޯޝަލް މީޑިއާ މަނާ ކުރަނީ ނޫންކަމަށާއި، ނޭޕާލްގެ ޤާނޫނާ އެއްގޮތަށް އެޚިދުމަތްތައް ގާނޫނުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަނީ ކަމަށެވެ.