އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިއީ ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ހަމަޖައްސައިދިން ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް މި ގޮތަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެެއެވެ.
މި ނިންމެވުމާއެކު ރައީސް މިއަދު ނެރުއްވި،ނަންބަރު 2025/22 ޤަރާރުންވަނީ، ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އިޞްލާޙުކުރައްވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފައެވެ.