ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 09:49
ދުނިޔޭގެ އެއް ނަމްބަރު އަންހެން ޓެނިސް ކުޅުންތެރިޔާ، ބެލާރުސްގެ އަރީނާ ސަބަލެންކާ
ދުނިޔޭގެ އެއް ނަމްބަރު އަންހެން ޓެނިސް ކުޅުންތެރިޔާ، ބެލާރުސްގެ އަރީނާ ސަބަލެންކާ
ރޮއިޓަރސް
އަރީނާ ސަބަލެންކާ
ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި
ސަބަލެންކާ ވަނީ ސެރީނާ ވިލިއަމްސް އަށްފަހު ޔޫއެސް އޯޕަން ވިދިވިދިގެން ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތްތަކަށް ނަން އިތުރުކޮށްފަ
މިއީ ސަބަލެންކާގެ ހަތަރުވަނަ ގްރޭންޑް ސްލެމް ޓައިޓަލް އަދި އޭނާގެ ހުރިހާ ގްރޭންޑް ސްލެމް ކާމިޔާބީތަކެއްވެސް ހޯދާފައިވަނީ ހާޑް ކޯޓުން

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ސިންގަލްސް ފައިނަލްގައި އެމެރިކާގެ އެމަންޑާ އެނިސިމޯވާ ބަލިކޮށް، ބެލަރޫސްގެ އަރީނާ ސަބަލެންކާ ޗެމްޕިއަންކަން ހޯދައިފައެވެ.

މެޗުގެ ސެޓުތައް ސަބަލެންކާ ކާމިޔާބު ކުރީ 6-3، 7-6 (7/3) ކުންނެވެ.

އެމެރިކާގެ އާތަރ އެޝް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ސަބަލެންކާ ވަނީ ސެރީނާ ވިލިއަމްސް އަށްފަހު ޔޫއެސް އޯޕަން ޓެނިސް މުބާރާތް ވިދިވިދިގެން ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތްތަކަށް ޖާގަ ހޯދާފައެވެ. ސެރީނާ މި މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދާފައިވަނީ 2012 އިން 2014 އަށެވެ.

ފުރަތަމަ ސެޓް ފަސޭހަކަމާއެކު ކާމިޔާބުކުރުމަށްފަހު، ދެވަނަ ސެޓްގައި އެނިސިމޯވާގެ ފަރާތުން ސަބަލެންކާ އަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ޓައި ބްރޭކަރަށް ދިޔަ ދެވަނަ ސެޓްގައިވެސް ސަބަލެންކާގެ ފެންވަރު ދައްކާލުމަށްފަހު، މެޗް ނިމުނީ އޭނާގެ ކާމިޔާބާ އެކުގައެވެ.

"މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އަދި ފްރެންޗް އޯޕަންގެ ފައިނަލްގައި ބަލިވުމަށްފަހު، މިފަހަރުގެ މެޗަށް އަހަރެން ތައްޔާރުވީ ތަފާތު ގޮތަކަށް. ކުރެވުނު މަސައްކަތުން މިއަހަރު ގްރޭންޑް ސްލެމް ޓައިޓަލެއް ލިބެން ޙައްޤުވާކަން ގަބޫލުކުރަން" މެޗަށްފަހު ސަބަލެންކާ ބުންޏެވެ.

މިއީ ސަބަލެންކާގެ ކެރިޔަރުގައި ލިބުނު ހަތަރުވަނަ ގްރޭންޑް ސްލެމް ޓައިޓަލެވެ. އޭނާގެ ހުރިހާ ގްރޭންޑް ސްލެމް ކާމިޔާބީތަކެއްވެސް ހޯދާފައިވަނީ ހާޑް ކޯޓުންނެވެ. އެނިސިމޯވާ މިއަހަރު ވިމްބަލްޑަން އަދި ޔޫއެސް އޯޕަންގެ ފައިނަލަށް ގޮސްފައިވީ ނަމަވެސް، 29 އަންފޯސްޑް އެރާއާއެކު މިފަހަރުވެސް ޗެމްޕިއަންކަން ހޯދުމުގައި ނާކާމިޔާބުވިއެވެ.

- ކޮމެންޓް