އަލްހާ އީދާ ދިމާކޮށް ޅ.ކުރެންދޫގައި ބާއްވަމުން އަންނަ ކުރެންދޫ ފުޓްސަލް ކަޕްގައި އެފްސީ ކަލަމިންޖާ އަދި އެފްސީ ބަދަވީން ކުޅުނު މެޗުން އެއްވަރުވިއިރު، ރާކާ އެސްސީ އަދި ޅަސިއަންސް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު ފުރަމަ މެޗުގައި ބައްދަލުކުރީ ޅަސިއަންސް އަދި ކަލަމިންޖާ އެވެ. މި މެޗު 0-7 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ކަލަމިންޖާއެވެ.
މެޗުގައި ކަލަމިންޖާގެ އަހުމަދު ނާޒިމް ހަތަރު ލަނޑު ޖަހާފައިވާއިރު، އަބްދުލް ވައްހާބް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން މުހައްމަދު ރަމީޒް ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަލަމިންޖާގެ އަހުމަދު ނާޒިމް އެވެ.
ދެވަނަ މެޗުގައި ބަދަވީން އަދި އެފްސީ އަތޮޅު ގިރުވާލި ބައްދަލުކޮށްފައިވާއިރު، 0-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ބަދަވީން އެވެ. މެޗުގައި ބަދަވީންގެ އަސްރަގް މުހައްމަދު ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، މުހައްމަދު މިދުހަތު ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ އަސްރަގް މުހައްމަދެވެ.
ތިންވަނަ މެޗުގައި ބައްދަލު ކުރީ ރާކާ އާއި ޅަސިއަންސް އެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ރާކާގެ އަބްދުލް ވާހިދު ޔައުގޫބް ދެ ލަނޑު ޖަހާފައިވާއިރު، ޅަސިއަންސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ނިޒާމް އަދި މުހައްމަދު އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޅަސިއަންސްގެ އިބްރާހިމް ޝަމައީލް އެވެ.
ހަތަރުވަނަ މެޗުގައި ބައްދަލު ކުރީ ކަލަމިންޖާ އަދި ޒިފިއަސް ޔޫތް ޒެސްޓް އެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކަލަމިންޖާ އެވެ.
މެޗުގައި ކަލަމިންޖާގެ އަހުމަދު ނާޒިމް އަދި އަބްދުﷲ ވައްހާބް ލަނޑުތައް ކާމިޔާބު ކޮށްފައިވާއިރު، ޒިފިއަސް ޔޫތް ޒެސްޓްގެ އަބްދުﷲ ނާޒިމް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަލަމިންޖާގެ އަހުމަދު ނާޒިމް އެވެ.
މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކުރެންދޫގައި ބާއްވަމުން އަންނަ މުބާރާތެވެ. މިފަހަރު މުބާރާތުގައި ޖުމްލަ 8 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ސެމީއަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.