ދ. އަތޮޅު ކައުންސިލުން ދ. މިނިމަސްގަލި 21 އަހަރު ދުވަހުގެ މުއްދަތަށް ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން 50 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ކައުންސިލަށް ލިބިގެންދާނެއެވެ.
ދ. އަތޮޅު ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިނިމަސްގަލި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިހާރު ވަނީ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމުގައެވެ. އެހެންކަމުން، އެ ކުންފުނީގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން އެ ރަށަށް އަރާ ފޭބުން މަނާކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ރަށް ކުއްޔަށް ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އިކުއިޒިޝަން ފީގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ޔަޝް އެގްޒޮޓިކް އައިލެންޑުން ވަނީ ކައުންސިލަށް ޖަމާކޮށްފައެވެ.
މީގެ އިތުރުން، ކުންފުނިން މަހަކު 2 ލައްކަ ރުފިޔާގެ ކުލި ކައުންސިލަށް ދައްކަމުން ގެންދަންޖެހޭނެއެވެ. މިއީ އަހަރަކު 2.4 މިލިއަން ރުފިޔާ އަދި 21 އަހަރުގެ މުއްދަތުގައި ޖުމްލަ 50.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ލިބިގެންދާނެ އެއްބަސްވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަކީ މިހާރުވެސް ދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގަމުންދާ ކުންފުންޏެކެވެ.
މިނިމަސްގަލި ދ. އަތޮޅު ކައުންސިލާ ހަވާލުކުރެވިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. މި ރަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އޭރު ދ. އަތޮޅު ކައުންސިލުން ފާހަގަކޮށްފައިވަނީ، މި ފުރުސަތުގެ ސަބަބުން ރަށް ތަރައްޤީކޮށް، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ އަތޮޅުގެ ތަރައްޤީއަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ދެކޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.