މިހާރު ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ގަދަ 16 އިން ރަޝިއާގެ މާރިއާ ޝަރަޕޯވާ އަދި އެމެރިކާގެ ވީނަސް ވިލިއަމްސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ގަދަ 16 އިން މާރިއާ ޝަރަޕޯވާ ޖާގަ ހޯދީ އެމެރިކާގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ސޯފިއާ ކެނިން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ޝަރަޕޯވާ މެޗުގެ ސެޓުތައް ގެންދިޔައީ 7-5 އަދި 6-2 އަކުންނެވެ. މިއީ ގްރޭންޑް ސްލޭމްއެއްގައި ކެނިން ވާދަކުރި ފުރަތަމަ މެޗެވެ. ގަދަ 16 ގައި ޝަރަޕޯވާ ނުކުންނާނީ ލެޓްވިއާގެ އަނަސްޓޭޝިއާ ސެވަސްޓޯވާއާ ދެކޮޅަށެވެ.
ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕް ދެފަހަރު ކާމިޔާބު ކުރި އެމެރިކާގެ ވީނަސް ވިލިއަމްސް ގަދަ 16 އަށް ދަތުރު ކުރީ ގްރީސްގެ މާރިއާ ސައްކާރީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ވީނަސް ވިލިއަމްސް ގަދަ 16 ގައި ނުކުންނަން ޖެހޭނީ ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯއާ ދެކޮޅަށެވެ.
މި ކުޅުންތެރިންގެ އިތުރުން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ގާބައިން މުގުރުޒާ ވަނީ ސްލޮވާކިއާގެ މަގްޑަލޭނާ ރިބަރިކޯވާ ސީދާ ދެ ސެޓުން ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އޭނާގެ އިތުރުން 13 ވަނަ އަށް ސީޑު ކުރެވިފައިވާ ޕެޓްރާ ކިވިޓޯވާ ވެސް ވަނީ ސީދާ ދެ ސެޓުން ކެރޮލައިން ގާސިއާ ބަލިކޮށް ގަދަ 16 އަށް ދަތުރުކޮށްފައެވެ.
މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ވިމެންސް ސިންގަލްސް އިވެންޓުގެ ޗެމްޕިއަންއަކީ ޖަރުމަނުގެ އެންޖެލިކް ކާބާއެވެ. އޭނާވަނީ މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައެވެ.