ނިއުޔޯކުގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ތިންވަނަ ބުރަށް ސްޕެއިންގެ ރަފައޭލް ނަދާލް އަދި ސުވިޒަލޭންޑުގެ ރޮޖާ ފެޑެރާވެސް ދަތުރުކޮށްފިއެވެ.
ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ސްޕެއިންގެ ރަފައޭލް ނަދާލް ތިންވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރީ ޖަޕާނުގެ ޓާރޯ ޑެނިއެލް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.ފުރަތަމަ ސެޓު 6-7 އަކުން ނަދާލްއަށް ގެއްލުނު ނަމަވެސް އޭނާ ވަނީ ފަހުން ކުޅުނު ތިން ސެޓު ވެސް ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 6-2، 6-2 އަދި 6-2 އަކުންނެވެ.
ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ތިންވަނަ ބުރަށް ދަތުރުކުރީ ރަޝިއާގެ މީޝާއިލް ޔޫޒްނީގެ މައްޗަށް ތިން ސެޓު ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. ފުރަތަމަ ސެޓު 6-1 ފެޑެރާ ގެންދިޔަ ނަމަވެސް އޭގެ ފަހުން ކުޅުނު ދެ ސެޓު، 7-6 އަދި 6-4 އަކުން ގެންދިޔައީ ޔޫޒްނީއެވެ. އެހެން ނަމަވެސް ފެޑެރާ ވަނީ އޭނާގެ ތަޖުރިބާގެ ބޭނުންހިފައި ފަހު ދެ ސެޓު، 6-4 އަދި 6-2 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި 24 ވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯވަނީ ސްޕެއިންގެ އެޑްރިއަން މާޓިނޭޒް ސީދާ ތިން ސެޓުން ބަލިކޮށް ތިންވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މުބާރާތުގެ ހަތް ވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ވަނީ ރަޝިއާގެ އަންދްރޭ ރުބްލޭވް އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓާފައެވެ.
ފެޑެރާއާ ނަދާލް ތިންވަނަ ބުރަށް ދަތުރު ކޮށްފައިވާއިރު މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ސެމީފައިނަލްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންއަކީ ސުވިޒަލޭންޑުގެ ސްޓަން ވަވަރިންކާއެވެ.