މިއަހަރުގެ އަޟްހާ އީދުގެ އުފާ ފާޅުކުރަމުންދާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މި އީދުގައި ކުރެއްވެވޭ އިހުސާސްތައް ޓްވީޓެއް މެދުވެރިކޮށް ހިއްސާ ކުރައްވައިފި އެވެ.
ރައީސް މައުމޫން ވިދާޅުވީ އީދު ފާހަގަކުރަމުންދާއިރު، ވިސްނުމާއި އިހުސާސްތައް ހުރީ ސިޔާސީ ފިއްތުންތަކުގެ ސަބަބުން އީދުގެ އުފަލުގައި ބައިވެރިވުމުން މަހުރޫމް ކޮށްފައިވާ ލޯބިވާ ފަރާތްތަކާއެކު ކަމަށެވެ.
On this auspicious Eid day our thoughts are with our respective loved ones who cannot be with us because of acts of political harassment.
— Maumoon Abdul Gayoom (@maumoonagayoom) September 1, 2017
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އޮންނެވީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެމަނިކުފާނު ވަނީ އަރިހުގައި ފާރިސް ނެތުމުން ހިތާމަކުރައްވާކަން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ދެފަހަރެއްގެ މަތިން މާފުށީ ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފަ އެވެ.
ފާރިސްގެ މައްޗަށް ޝަޙުސް އޮޅުވާލުމުގެ ދައުވާއާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައިވާއިރު، ރައީސް މައުމޫން ގެންދަވަނީ ފާރިސްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ފާރިސް ކުށެއް ކޮށްފިނަމަ އަދަބު ދެވެންޖެހޭނެ ކަމަށާއި އެހެން ނަމަވެސް، ފާރިސްގެ މައްޗަށް ތަފާތުކޮށް، އެކި ގޮތްގޮތުން ބޭއިންސާފުން ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ.
ތަހުގީގު ނުނިމެނީސް، ރިޝްވަތުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. ބަންދުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ނަމަވެސް، މިހާތަނަށް ހުކުމެއް ކޮށްފައިނުވާއިރު، އެ މައްސަލަ އިސް ފަނޑިޔާރުގެ ސެކްޝަނަށް ވަނީ ގެންގޮސްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އެއީ ގާނޫނާ ޚިލާފަށް ހައިކޯޓުން ކޮށްފައިވާ ކަމެކެވެ.
އިދިކޮޅު ފަރާތްތަކާއެކު ރައީސް މައުމޫން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ ޖަލުގައި ބަންދުކުރެވިފަ އެވެ. ރައީސް މުހައްމަދު ނަޝީދަށް ވެސް ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު އޮންނެވީ އާލާސްކަންފުޅާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފަ އެވެ.