ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 11:02
މެކްސިކޯގެ ގައުމީ ފުޓުބޯޅަ ޓީމު
މެކްސިކޯގެ ގައުމީ ފުޓުބޯޅަ ޓީމު
ގޫގުލް
ފީފާ ވޯލްޑްކަޕް
މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ
މެކްސިކޯއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ 1-0 އަކުން ޕެނަމާ ބަލިކޮށްގެން
މެކްސިކޯގެ އިތުރުން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފައިވަނީ ބްރެޒިލްއާ އީރާންއާ ޖަޕާންގެ އިތުރުން ރަޝިއާ

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް މެކްސިކޯއިން ކަށަވަރު ކޮށްފިއެވެ.

މެކްސިކޯއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރީ ހޮނިހިރު ދުވަހު ކުޅުނު ނޯތް އެމެރިކާގެ ކޮލިފައިން ބުރުގައި 1-0 އަކުން ޕެނަމާގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މޮޅާއެކު މެކްސިކޯއަށް ވަނީ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި ނޯތް އެމެރިކާއިން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާ ތިން ޖާގައިގެ ތެރެއިން އެއް ޖާގަ އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިކޯއިން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެ ކައުންޓާ އެޓޭކުގައި ގިނަ ހަމަލާތަކެއް  އުފައްދާފައެވެ. މި މެޗުގައި މެކްސިކޯއިން ނެރެފައި ވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެގޮތުން ހަވިޔާ ހަނާންޑޭޒްއާ ކާލޯސް ވޭލާގެ އިތުރުން ޖިއޮވާނީ ޑޮސް ސަންޓޯސް ވަނީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މެކްސިކޯއަށް މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ލަނޑު ޖަހައި ދިނީ ބެންޗުން ކުޅެންއެރި ލޮޒާނޯއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ ކޮރޯނާ ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނޯތް އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ޕޮއިންޓް ތާވަލުގެ ގަދަ ތިން ޓީމަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން އޮޓެމެޓިކްކޮށް ޖާގަ ލިބެއެވެ. އެގޮތުން 17 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މެކްސިކޯ އޮތްއިރު ދެވަނައިގައި ކޮސްޓަރިކާ އޮތީ 14 ޕޮއިންޓާއެކުއެވެ. އަދި އެމެރިކާ އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ތިން ވަނައިގައެވެ.

މެކްސިކޯގެ އިތުރުން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފައި ވަނީ ބްރެޒިލްއާ އީރާންއާ ޖަޕާންގެ އިތުރުން އެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް