ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 10:58
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން
ކުޅުދުއްފުށީ މަގު ހެދުން
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވޭ
މަޝްރޫއު ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، 2010 ވަނަ އަހަރުގެ ތެރޭގަ

ވިއްސާރަ މޫސުމުގައި ހދ ކުޅުދުއްފުށީ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަަރަށް ހެދުމަށް ކުރަމުންދާ މސައްކަތުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހދ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރުގެ ޓުވިޓްގައިވާ ގޮތުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. 

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ. 

މިމަޝްރޫޢުގެދަށުން ފުރަތަމަ ތާރު އަޅަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ މަގާން މަގުގައެވެ. މީގެ އިތުރުން އެރަށު ފަނޑިޔާރު މަގާއި، ކަނބޯރަނި މަގުގައި ސީއެސްބީ ލޭޔަރ އަޅައި ނިމިފައިވާ ކަމަށާ، މިސްކިތް މަގުގައި ސީއެސްބީ ލޭޔަރ އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތިދުވަހު ފަށާނެ ކަމަށް ވެސް އެމްއާރުޑީސީން ބުނެއެވެ. 

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފުރާސްޓްރަކްޗަރ އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އެމަޝްރޫޢު ހުއްޓިފައި އޮންނަތާ ގިނަދުވަސްތަކެއް ފަހުން، 2013 ވަނަ އަހަރުވަނީ އޭރު ހަދަންފަށާފައިވާ  އަމީނީމަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހަދަންނިންމައި، އެމަސައްކަތް ފަށާފައެވެ. އެމަގުގެ މަސައްކަތް ފުރިހަމަވީފަހުން އަނެއްކާވެސް މި މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށް ފަހު މަސައްކަތް އަލުން ފެށުނީ އެމްއާރްޑީސީއާ ހަވާލުކުރި ފަހުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް