ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރިއިރު ވާދަވެރި އާޖެންޓީނާ އެއްވަރުވެއްޖެއެވެ.
ސައުތް އެމެރިކާގޭ ކޮލިފައިންގެ ފުރަތަމަ ބުރުގައި އިކުއެޑޯއާ ވާދަކޮށް ބްރެޒިލް މެޗު ކާމިޔާބުކުރީ 2-0 އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން ވަނީ މޮޅު އެޓޭކިން ގޭމެއް ކުޅެ އިކުއޭޑޯގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނުޓުގައި ބްރެޒިލްއަށް ކުޅެމުން އަންނަ ބާސެލޯނާގެ މިޑްފީލްޑާ ޕައުލީނިއޯ، އިކުއޭޑޯގެ ތިން ޑިފެންޑަރުން ބީޓު ކުރުމަށް ފަހު ފޮނާވާލި ބާރު ހަމަލާ އިކުއޭޑޯގެ ކީޕަރުވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީޒަސް މެޗުގެ 34 ވަނަ މިނުޓުގައި ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގައި އިކުއޭޑޯގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފެކޭވެސް އެއްގޮތަށް ބްރެޒިލްއިން ވަނީ ދެވަނަ ހާފުގައިވެސް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. މެޗުގެ 69 ވަނަ މިނުޓުގައި ބްރެޒިލްއަށް ލީޑު ނަގައިދިނީ ޕައުލީނިއޯއެވެ. މިއީ ވިލިއަން ނަގައިދިން ކޯނަރަކުން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ. އޭގެ ހަތް މިނުޓު ފަހުން ބެންޗުން ކުޅެންއެރި ފިލިޕޭ ކުޓީނިއޯ ވަނީ ބްރެޒިލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
އާޖެންޓީނާއާ އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 0-0 އަކުން އެއްވަރުވެގެންނެވެ.
އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ދެހާފުގައި ވެސް ފެނިގެންދިޔަ ނަމަވެސް އެޓީމަށް އުރުގުއޭގެ ގޯލު ހުޅުވާލެވޭ ގޮތެއް ހޯދިފައެއް ނުވެއެވެ. އާޖެންޓީނާއަށް ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 60 ވަނަ މިނުޓުގައި މެސީ ފޮނުވާލި ހިލޭ ޖެހުމަކުންނެވެ. އެހެން ނަމަވެސް އުރުގުއޭގެ ކީޕަރުވަނީ މި ހަމަލާ ދިފާއުކޮށްފައެވެ. މި މެޗުގައި އުރުގުއޭގެ ލުއިސް ސުއަރޭޒްއަށް އަނިޔާވެ ވަނީ ދަނޑުން ބާލާފައެވެ.
ސައުތް އެމެރިކާގެ ވޯލްޑް ކަޕްގައި މި މެޗުތަކުގެ އިތުރުން ގިނަ މެޗުތަކެއް ކުޅެވިގެންދިޔައެވެ. އެގޮތުން ޗިލީވަނީ އަމިއްލަ ގައުމުގައި 3-0 އަކުން ޕެރަގުއޭ އަތުން ބަލިވެފައެވެ. ޕެރޫއިން 2-1 އަކުން ބޮލީވިއާ ބަލިކުރިއިރު ކޮލޮމްބިއާ އަދި ވެނެޒުއޭލާ ވާދަކުރި މެޗު ނިމުނީ 0-0 އަކުން އެއްވަރު ވެގެންނެވެ.
ސައުތް އެމެރިކާއިން ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިވި ހަމައެކަނި ޓީމަކީ ބްރެޒިލްއެވެ. ޕޮއިންޓް ތާވަލުގެ ދެވަނައިގައި ކޮލޮމްބިއާ އޮތްއިރު ތިން ވަނައިގައި އޮތީ އުރުގުއޭއެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި އޮތީ ޗިލީއެވެ. އަދި އާޖެންޓީނާ އޮތީ ފަސްވަނައިގައެވެ.