އުލްހިޔާގެ ގޮތުގައި 500 އަށް ވުރެ ގިނަ ބަކަރި ކަތިލައިފި އެވެ.
އުލްހިޔާ ކަތިލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިލއަލް ވިލޭޖުގަ އެވެ.
އުލްހިޔާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި އަގީގާ އެމްވީ އިން ގުޅިގެންނެވެ.
އަގީގާ އެމްވީގެ ފައުންޑަރ އަހުމަދު ލަތީފު ވިދާޅުވީ އުލްހިޔާ ކަތިލުމުގެ ކަންކަން ދިޔައީ ވަރަށް ރަގަޅަށް ކަަމަށާއި ކަތިލުމުގެ މަސައްކަތް ކުރުމަށް 12 މީހުން ހަރަކާތްތެރިވި ކަމަށެވެ.
"ޢީދު ނަމާދަށް ފަހުގައި. އުލުހިޔާ ކަތިލުމުގެ މަސައްކަތް ފެށިގެންދިޔަ. ފެށި ވަގުތު ވަރަށް ގިނަ އަދަދެއްގެ މީހުން ބަކަރި ކަތިލުމަށް ޖަމާވި. އެހެން ނަމަވެސް އެފަރާތްތަކުން ވަރަށް ކެއްތެރިކަމާ އެކު މަޑުކޮށްގެންތިބި،" ލަތީފު ވިދާޅުވި އެވެ.
އުލްހިޔާ ކަތިލުމުގެ ކަންކަން، ގާތްގަނޑަށް 11:30 ހާއިރު ވަނީ ނިންމާލާފަ އެވެ. ކަތިލުމަށް ފަހު ބަކަރި ކޮށާ ދިނުމުގެ އިންތިޒާމުތައް ވެސް އޮތީ ހަމަޖައްސައިފަ އެވެ.
މިފަހަރު އުލްހިޔާ އަށް ބަކަރި ކަތިލުމުގެ އަގުތައް އުޅުނީ 5000ރ. އިން 8000ރ. އާ ދެމެދުގަ އެވެ.