އީދަކީ އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ދުވަހެއް ކަމަށާއި އެކަން އޮންނަން ވާނީ ހިތްތައް ސާފުކޮށް، އުފާވެރިކަމާ އެކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފި އެވެ.
"އީދުލް އަޟްހާގެ ހަގީގަތާއި މަގުސަދުތައް" މި މައުޟޫގެ ދަށުން ގެނެސްދިން ޚުތުބާގައި ބުނެފައި ވަނީ ހައްޖާއި އީދު ޝަރުއުކުރެއްވީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
ޚުތުބާގައި ބުނެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ އެކުވެރިކަން މަތީ ދިރިއުޅުމަށާއި އަނެކާގެ ހަޔާތަށް ހުރުމަތްތެރިކޮށް ހިތަން ދަސްވާކަމަށެވެ. އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށާއި އަނެކުންގެ މިނިވަންކަމަށް އަރައި ނުގަތުމަށް ތަރުބިއްޔަތު ލިބޭކަމަށެވެ.
އީދު ދުވަހަކީ ޒިކުރާއި ޝުކުރުގެ ދުވަހެއްކަމަށާއި އެއީ ގުރުބާން ކުރުމާއި އުޟްހިޔާގެ ދުވަސްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދަކީ ބޮޑު އީދު ދުވަސްކަމާއި އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި އަންނަ ދުވަސްތެރޭގައި ހިމެނޭ ދުވަސްކަމަށް އެހެންކަމުން ޒިކުރާއި ތަކުބީރު ކިޔުން ގިނަ ކުރަންޖެހޭކަމަށް އީދު ޚުތުބާގައި ވަނީ ބުނެފައެވެ.
މިއަދަށް އީދޭކިޔުނީ ކޮންމެ އަހަރަކު އާ އުފާތަކާއެކު އެންމެހާ މުސްލިމުންގެ ގާތަށް މިދުވަސް އަންނާތީކަމަށާއި އީދުގައި އޮތީ އުފާވެރިކަންކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
"އީދަށް އީދޭ ކިޔުނީ ކޮންމެ އަހަރަކު އައު އުފާތަކާއެކު އަޅުގަނޑުމެންގެ ގާތަށް މިދުވަސް އަންނާތީއެވެ. އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުމެވެ. ހިތްތަކުގެ ސާފުކަމުންނާއި، މޫނުތަކުގެ އުފާވެރިކަމެވެ. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވާދީގެންނެވެ.ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެންނެވެ." ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އިސްލާމީ އީދުތަކަކީ ﷲ އަށް ކިޔަމަންގަތުމުގެ މަތީގައިވާ މުނާސަބަތުކަމަށް ވަނީ ފާޙަގަ ކޮށްފައެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރީ ސްޓޭޑިއަމްގަ އެވެ.