ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 20:58
ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު
ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު
ޓްވިޓަރ
ހުސްނުއް ސުއޫދު
ރާއްޖޭގެ އަދްލު އިންސާފްގެ އިތުބާރު ގެއްލިފައި ވަނީ ޖޭއެސްސީ ސިޔާސީވެފައި އޮތުމުން: ސުއޫދު
ފަނޑިޔާރުންގެ ސުޅޫކް ރަނގަޅު ކުރަން ޖެހޭ
ޖޭއެސްސީ އަކުން ފަނޑިޔާރުންނަށް ފިޔަވަޅު އަޅާކަށް ނުކެރޭ
ޖޭއެސްސީ ސިޔާސީ ވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުންގެ ސަބަބުން

ރާއްޖޭގެ އަދުލު އިންސާގެ އިތުބާރު ގެއްލިފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ވެފައި އޮތުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެވެ.

ޖުޑިޝަރީ އިސްލާހް ކުރުމަށް ނުކުންނެވި 56 ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ސުއޫދު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފް ޤާއިމް ކުރުމަށް ގޮން ޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެބޮޑު ގޮންޖެހުމަކީ ފަނޑިޔާރުންގެ ސުލޫކް ބަހައްޓާ ގޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުބާރު ގެއްލޭއިރު ސުލޫކް ރަނގަޅު ކުރުމަށް ޖޭއެސްސީން މަސައްކަތް ނުކުރުމަކީ އެންމެބޮޑު ގޮންޖެހުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

 ސުއޫދު ވިދާޅުވީ އެއީ ޖޭއެސްސީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތުން ކަމަށާއި އެކަން އެހެން ވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުން އެކޮމިޝަންގައި ތިއްބެވުމުން ކަމަށެވެ.

ސުއޫދު ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅަން ކެރޭ ފަދަ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޖޭއެސްސީ ހަދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ އިލްމީ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށާއި އަލަށް ހެދޭ ޤާނޫނު ތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުވަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށާއި ރަށްރަށުގެ މެޖިސްޓްރޭޓުންނަށް ޖިނާއީ އިޖުރާއަތު ނޭނގޭތީ ވެސް ރައްޔިތުންެގެ ހައްގުތަކެއް ގެއްލޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އަދި ކޯޓުތަކަށް ފަނޑިޔާރުން މަދުކަމަށާއި ބައެއް ކޯޓުތަކުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް ފަނޑިޔާރުން ތިއްބެވިއިރު ބައެއް ކޯޓުތަކަށް ފަނޑިޔާރުން މަދުކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އިންނެވި ސުއޫދު ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ޤާނޫނު އަސާސީ ތަންފީޒް ނުކުރުން ހިމެނޭ ކަމަށާއި ގާނޫނު އަސާސީ ތަންފީޒް ނުވަނީ ތަންފީޒް ކުރުމުގެ ރޫހެއް އެއްވެސް ފަރާތެއްގެ ނެތީމާ ކަމަށެވެ. ޤާނޫނު އަސާސީއަކީ އެންމެން އަމަލް ކުރަން ޖެހޭ އެއްޗެއްކަން ޤަބޫލް ނުކުރެވެނީ ކަމަށާއި އަމިއްލައެދުން ހާސިލް ކުރުމަށް ނުވަތަ ސިޔާސީ މަސްލަހަތެއް ހާސިލް ކުރުމަށް ޤާނޫނީ އިޖުރާއަތު ތަކަށް އިހްތިރާމް ނުކުރަނީ ކަމަށެވެ. އޭގެ ބަދަލުގައި އެންމެންގެ މަސްލަހަތު ކުރިއަށް ނެރެގެން ނޫނީ ރަނގަޅު ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ އަދްލު އިންސާފް ޤާއިމް ކުރުމަކީ އެންމެންގެ މަސްލަހަތު  އެކަމުގައި އޮތްކަން ޤަބޫލް ކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ގަބޫލު ނުކުރާނަމަ   އެމީހަކު އުޅޭނީ އެމީހަކަށް ފެންނަ ގޮތަކަށް ކަމަށެވެ.ޤާނޫނު އަސާސީއަކީ ޤައުމުގެ މަސްލަހަތު އެއްހަމައެއްގައި ހިފަހައްޓާ އެއްޗެއް  ކަމަށާއި އެކަން ކުރުމަކީ ދައުލަތުގެ ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމަށް ސއޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ  ފޮތުގައި އޮތް ގޮތަށް ރައްޔިތުންނާމެދު ޢަމަލް ކުރެވޭނެ ކަމަށާއި ޙައްޤުތައް ލިބޭނެކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ. އެކަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ހިސާބުން ފެށިގެން އެންމެ އާދައިގެ އޮފީހުގެ ކައުންޓަރުގައި  އިންނަ ކުއްޖެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ ދުސްތޫރީ ފަސާނާގެ މަސައްކަތަކީ ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށާއި އެއީ ޤާނޫނީ ދާއިރާގައި ހުރި މައްސަލަތައް އާއްމުންނަށް އަންގައިދިނުން ކަމަށެވެ. އަދި އެކަމުގެ މަންފާ ކޮންމެ ރައްޔިތަކަށް ވެސް ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް