ޓްރާންސްފާ ބާޒާރުގައި އޭނާގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ބުނެފި އެވެ.
އެޗްއެންއެލް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ އޭނާގެ އަގު މިހާރު 300 މިލިއަން ޔޫރޯ އަށް އަރާފައިވާ ކަމަށާއި، އެހެން ނަމަވެސް މާކެޓް ޑިޕެންޑްކުރާ ގޮތް ނޭގޭ ކަމަށެވެ.
ދާދި ފަހުން ވޯލްޑް ޓްރާންސްފާ ރެކޯޑް މުގުރާލުމަށް ފަހު ޕީއެސްޖީ އަށް ބަދަލުވި ނޭމާއާ ބެހޭގޮތުން ހަޒާޑް ބުނީ ނޭމާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށެވެ. ނޭމާ ބާސާ ދޫކޮށްލުމަށް ފަހު ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯއަށެވެ.
ހަޒާޑް ބުނީ އޭނާ ޓްރާންސްފާއާ މެދު ނުވިސްނާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ޓްރާންސްފާ ބާޒާރުގައި ވަރަށް ގިނަ ކަންތައްތައް ދިމާވި ކަމަށާއި، ބާސާ އަށް އޭނާ ބަދަލުވާން އުޅޭކަމަށް ވެސް އަޑުތައް ފެތުރުމުން އެކަމާ ހައިރާންވި ކަމަށެވެ.
މީގެއިތުރުން އޭނާ ބުނީ ކްލަބުން އަބަދު ވެސް ކުޅުންތެރިޔަކު ގޮސްފިނަމަ އެތަން ފޫބައްދަން އިތުރު ކުޅުންތެރިޔަކު ގެންނަ ކަމަށެވެ. އެގޮތުން އޭނާ ކްލަބް ދޫކޮށްލުމުން ވެސް އިތުރު ކުޅުންތެރިޔަކު ގެންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ޗެލްސީގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 249 މެޗުގައި 72 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއާއެކު ޔޫރޮޕާ ލީގް ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގް ދެފަހަރު އަދި ފުޓްބޯލް ލީގް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 76 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްފައެވެ.