އިންޓަ ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގުގައި ސޮނޭވާފުށި އަދި އަނަންތަރާ ކިހާވަށް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ފައިނަލުގެ ޖާގައެއް ސޮނޭވާ އިން ކަށަވަރުކުރީ ހޯމަ ދުވަހު ސެމީގައި ބަނޑޮސް އައިލޭންޑް ރިސޯޓާ ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ބަނޑޮހުން ގެންދިޔައީ 25-27 އިންނެވެ. އެހެންނަމަވެސް ޖެހިގެން އައި ތިން ސެޓް 20-25 ، 20-25 އަދި 25-15 އިން ސޮނޭވާ ވަނީ ކާމިޔާބުކޮށްފައެވެ.
ފައިނަލުގެ ޖާގައެއް އަނަންތަރާ އިން ކަށަވަރުކުރީ ސެމީގައި ގްރޭންޑްޕާކް ކޮއްދިއްޕަރާ ވާދަކޮށްގެންނެވެ.
ސޮނޭވާ އަދި އަނަންތަރާ ވަނީ ޒޯން ފަހެއްގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ސޮނޭވާ އެވެ.
މުބާރާތް ކުރިޔަށްދާ ގޮތުން މެޗުތައް ކުޅެފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެގޮތުން ސެމީގެ މެޗުތައްވެސް ކުޅެފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެހެންނަމަވެސް މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާލޭގައެވެ.
ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހު މާލޭގެ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ފައިނަލް މެޗުގެ ކުޅުން ފަށާނީ މެންދުރު 1 ޖަހާއިރެވެ.