މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކަރު ކީލިއަން އެމްބަޕޭ އެ ކްލަބް ދޫކޮށްލިޔަސް ކުޅޭނީ ފްރެންޗް ލީގަށް ކަމަށް ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޮމްޕް ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑިޝޮމްޕް ބުނީ އެމްބަޕޭ ކްލަބް ބަދަލުކުރާނެ ކަމަށާއި، އޭނާ ފްރެންޗް ލީގު ދޫކޮށްނުލާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެމްބަޕޭގެ ނިންމުމަކީ ރަނގަޅަށް ނިންމުމަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޑިޝޮމްޕް ބުނީ އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސް ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް މަޑުކުރާނީ ފްރާންސްގައި ކަމަށާއި، އެހެންނަމަވެސް މެޑިކަލް ކަންތައްތައް ފުރިހަމަކުރުމަށް ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.
ފްރެންޗް ލީގުގައި މޮނާކޯ ކުޅުނު ފުރަތަމަ މެޗުގައި އެމްބަޕޭ ބޭނުންކޮށްފައިވީ ނަމަވެސް އޭގެ ފަހުން މޮނާކޯ އިން އޭނާގެ ބޭނުމެއް ނުހިފައެވެ.
އެމްބަޕޭ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް އަދި އާސެނަލްވެސް ހިމެނެއެވެ.
މިދިޔަ އަހަރު މޮނާކޯއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އެމްބަޕޭ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަން އަދި ކަށަވަރެއް ނުވެއެވެ.
އުމުރުން 18 އަހަރުގެ އެމްބަޕޭ މޮނާކޯއާ އެކު އޭނާގެ ސީނިއާ ކެރިޔަރު ފަށާފައިވާއިރު، މިހާތަނަށް އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު މި ސީޒަނުގައި ލީގު ވެސް ކާމިޔާބުކޮށްފައެވެ.
ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.