ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 11:06
ބާސާ އާއި އަލަށް ގުޅުނު ޑެމްބެލޭ
ބާސާ އާއި އަލަށް ގުޅުނު ޑެމްބެލޭ
ބީބީސީ
ބާސެލޯނާ
ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި
ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށް
ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 369 މިލިއަން ޕައުންޑް

ބާސެލޯނާ އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ ދައްކާލައިފިއެވެ.

ބޮރުޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށެވެ. އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ބާސާއިން ހުށަހެޅީ 96 މިލިއަން ޕައުންޑެވެ. އަދި ބާކީ 39 މިލިއަން ޕައުންޑަކީ ބޯނަސްގެ ގޮތުގައި ޑޯޓުމަންޑަށްބާސާއިން ހުށަހެޅި އަދަދެކެވެ. ޑެމްބެލޭގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 369 މިލިއަން ޕައުންޑެވެ.  

ޑެމްބެލޭ ވަނީ އާދިއްތަ ދުވަހު ބާސާގެ މެޑިކަލް ފުރިހަމަކޮށްފައެވެ. ބާސާގެ ކޭމްޕް ނޫގައި ކުޅުނު މި ޓްރާންސްފާއާއެކު ޑެމްބެލޭ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއެވެ.

ބާސާއަށް ސޮއި ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑެމްބެލޭ ބުނެފައިވަނީ އެ ކްލަބަށް ސޮއި ކުރުމަކީ ކުޑައިރުއްސުރެވެސް ދެކޭ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި އެންމެ މޮޅު ކްލަބަކީ ބާސާކަމަށް އޭނާ ބުންޏެވެ.

ޑެމްބެލޭއަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ދުވެލި ބާރު އަދި ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެކެވެ. ޑޯޓްމަންޑަށް ކުޅުމުގެ ކުރިން ޑެމްބެލޭ ވަނީ ފްރާންސްގެ ރެނޭސްއަށްވެސް ކުޅެފައެވެ.

އޭނާގެ އުމުރުން 20 އަހަރުވީ އިރު އޭނާ ވަނީ ޖުމްލަ ހަތް ފަހަރަކު ފްރާންސްގެ ގައުމީ ޓީމަށް ކުޅެފައެވެ. އަދި މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅުނު 49 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

މިއީ މި ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ގެނައި ފަސް ވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މީގެ ކުރިން ބާސާއިން ވަނީ ޑިފެންޑަރުން ކަމަށްވާ ނެލްސަން ސެމޭޑޯއާއި މާލޮން ސަންޓޯސްގެ އިތުރުން ޕައުލީނިއޯއާއި ޖެރާޑް ޑެއުލޮފޫ ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް