އެމެރިކާގެ ނިއު ޔޯކުގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ރަޝިއާގެ މާރިއާ ޝަރަޕޯވާ ފެށުން ރަނގަޅު ކޮށްފިއެވެ.
މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ރޯމޭނިއާގެ ސައިމޯނާ ހޭލެޕްއާއި ވާދަކޮށް ޝަރަޕޯވާ މެޗު ކާމިޔާބުކޮށްފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ޝަރަޕޯވާ ގެންގޮސްފައިވަނީ 6-4 އަކުންނެވެ. އެހެން ނަމަވެސް ހޭލެޕް ވަނީ ދެވަނަ ސެޓު 6-4 އަކުން ގެންގޮސް ތިން ވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ޝަރަޕޯވާ ކާމިޔާބު ކޮށްފައިވަނީ 6-3 އަކުންނެވެ.
މި މޮޅާއެކު އޭނާ ވަނީ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗަކީ ޑޯޕިންގް މައްސަލައެއްގައި 15 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރުމަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
އަންހެން ސިންގަލްސްގައި މުބާރާތުގެ ތިން ވަނައަށް ސީޑު ކުރެވިފައިވާ ގާބައިން މުގުރުޒާ ވަނީ ސީދާ ދެ ސެޓުން ވަރްވާރާ ލެޕްޗެންކޯ ބަލިކޮށްފައެވެ. މި މުބާރާތް ދެފަހަރު ކާމިޔާބު ކޮށްފައިވާ ވީނަސް ވިލިއަމްސް ވަނީ ދެ ސެޓު އެއް ސެޓުން ވިކްޓޯރިއާ ކުޒްމޯވާގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. އަދި މުބާރާތުގެ 13 ވަނައަށް ސީޑު ކުރެވިފައިވާ ޕެޓްރާ ކިވިޓޯވާވަނީ ސީދާ ދެ ސެޓުން ސާބިއާގެ ޖެލެނާ ޖަންކޮވިޗް ބަލިކުރުމަށްފަހު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
އޭގެ އިތުރުން މި މުބާރާތުގެ ފިރިހެން ސިންގަލްސްގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ މަރިން ސިލިޗްވަނީ ތިން ސެޓު އެއް ސެޓުން ޓެނީސް ސެންޑްގްރެން ބަލިކޮށްފައެވެ. އަށް ވަނައަށް ސީޑު ކުރެވިފައިވާ ފްރާންސްގެ ޖޯ ވިލްފްރީޑް ސޮންގާ ވަނީ ސީދާ ތިން ސެޓުން މާރިއަސް ކޯޕިލްގެ މައްޗަށް ކުރިހޯދާފައެވެ. އަދި 10 ވަނައަށް ސީޑު ކުރެވިފައިވާ ޖޯން އިސްނާ ވަނީ ތިން ސެޓު އެއް ސެޓުން ފްރާންސްގެ ޕިއާ ހިއުސް ހާބާޓް ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މި މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސުވިޒަލޭންޑުގެ ސްޓަން ވަވަރިންކާ ހޯދާފައިވާއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ޖަރުމަނުގެ އެންޖެލިކް ކަރްބާއެވެ.