ކްރިމިނަލް ކޯޓަށް އިތުރު ދެ ގާޒީއަކު ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.
ޖޭއެސްސީއިން ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކޮމިޝަނުން މިމަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނުގައި ކްރިމިނަލް ކޯޓަށް ހޯދަން އިއުލާނުކޮށްފައިވާ ގާޒީންގެ އަދަދު ދޭކުން ހަތަރަކަށް އިތުރު ކުރާ ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު އެ ކޮމިޝަނުން ކުރި އިއުލާނުގައި ސިވިލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށް ވެސް ހުޅުވާލި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،000 ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
ކްރިމިނަލް ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވާއިރު، އެކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން ޖޭއެސްސީއިން ވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފަ އެވެ.