ފޯމިއުލާ ވަން ރޭސިންގެ ބެލްޖިއަމް ޖީޕީ އިނގިރޭސި ވިލާތުގެ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ ފޯމިއުލާ ވަން ސީޒަނުގެ 12 ވަނަ ރޭސް ހެމިލްޓަން ކާމިޔާބު ކުރީ ފެރާރީގެ ސެބެސްޓިއަން ވެޓެލްއާއި ރެޑްބުލް ރޭސިންގެ ޑެނިއެލް ރިކާޑޯ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.
ހެމިލްޓަން މި ރޭސް ނިންމާފައި ވަނީ އެއް ގަޑިއިރާއި 24 މިނުޓުންނެވެ. ވެޓެލް ރޭސް ނިންމާފައިވަނީ ހެމިލްޓަން އަށްވުރެ ދެ ސިކުންތު ލަހުންނެވެ. މި ދެ ޑްރައިވަރުންގެ ފަރާތުން ވެސް ވާދަވެރި ރޭހެއް ފެނިގެން ގޮސްފައި ވާއިރު މިއީ ހެމިލްޓަން މި ސީޒަނުގައި ކާމިޔާބު ކުރި ފަސްވަނަ ރޭހެވެ.
ރޭސް ކާމިޔާބު ކުރުމަށް ފަހު ވާހަކަ ދައްކަމުން ހެމިލްޓަން ބުނެފައިވަނީ އޭނާ މި ރޭހާ ކުރިމަތިލީ އެއްވަނަ ހޯދަން ކަމަށާއި އެކަން ފުރިހަމަ ވުމުން ވަރަށް އުފާވާ ކަމަށެވެ. ދެވަނައަށް ރޭސް ނިންމި ވެޓެލް ބުނެފައިވަނީ ކުރިޔަށް އޮތް ރޭސްތަކުގައި ފެރާރީއަށް އެއްވަނަ ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ސީޒަނުގައި ބާކީ އަށް ރޭސް އޮތްއިރު ޑްރައިވަރުންގެ ރޭންކިންގެ އެއްވަނައިގައި 220 ޕޮއިންޓާއެކު އޮތީ ފެރާރީގެ ވެޓެލްއެވެ. 213 ޕޮއިންޓާއެކު މާސިޑީސްގެ ހެމިލްޓަން ދެވަނައިގައި އޮތްއިރު 179 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ހަމަ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.
ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 392 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 348 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. މިދިޔަ ސީޒަނުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މާސިޑީސްގެ ނިކޯ ރޮސްބާގްއެވެ.