ޔޫއެސް އޯޕަން ޓެނިސް މުބާރާތަށް ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ފިޓު ވެއްޖެއެވެ.
ކެނެޑާ އޯޕަންގެ ފައިނަލްގައި އެލްކްޒެންޑާ ޒަވަރޭވް އަތުން ބަލިވި މެޗުގައި ފެޑެރާގެ ބުރަކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ދެ ހަފްތާ ވަންދެން ކުޅުމާއި ދުރުގައި ހުރެފައެވެ. މި އަނިޔާގެ ސަބަބުން މި މަހު ކުޅުނު ސިންސިނާޓީ އޯޕަންގައި އޭނާ ވާދަ ކޮށްފައި ނުވެއެވެ. އަދި މި މުބާރާތުގައި އޭނާ ނުކުޅުމުގެ ސަބަބުން އޭޓީޕީ ރޭންކިންގެ އެއްވަނައަށް އެރުމަށް އޭނާއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ ޔޫއެސް އޯޕަންއަށް ފިޓުވުމަށް ދެ ހަފްތާ ލިބުނު ކަމަށާއި އެ ދެ ހަފްތާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުނު ކަމަށެވެ. އަދި މި ހަފްތާގައި ޕްރެކްޓިސްތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި އޭނާގެ އަނިޔާއިން ރިކަވާ ވުމުގައި ލިބުނު ކުރިއެރުމާއި މެދު ހިތްހަމަ ޖެހޭ ކަމަށްވެސް ފެޑެރާ ބުނެފައިވެއެވެ.
2012 ވަނަ އަހަރު ޔޫއެސް އޯޕަންގެ ޗެމްޕިއަން އެންޑީ މުރޭ ވަނީ މި އަހަރުގެ މުބާރާތުން ވަކިވެފައެވެ. އޭނާ މުބާރާތުން ވަކިވެފައިވަނީ އުނަގަނޑަށް ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅުވެފައި ނުވާތީ ކަމަށް އޭނާ ހަމަކުރިއެވެ.
އެންމެ ފަހުން ފެޑެރާ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކޮށްފައިވަނީ މީގެ ނުވަ އަހަރު ކުރިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ފައިނަލްއިން ބަލިވެފައެވެ. ފެޑެރާވަނީ މި އަހަރު ދެ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. އެއީ އޮސްޓްރޭލިއަން އޯޕަންއާއި ވިމްބަލްޑަންއެވެ. ޔޫއެސް އޯޕެން މުބާރާތް ފެޑެރާ ކާމިޔާބު ކޮށްފި ނަމަ އެ މުބާރާތް ވާނީ އޭނާ ކާމިޔާބުކުރާ 20 ވަނަ ގްރޭން ސްލޭމްއަށެވެ.