އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ވާދަވެރި އާސެނަލް ލަދު ގަންނުވާލައިފިއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލިވަޕޫލްއިން ވަނީ މޮޅު އެޓޭކިން ގޭމެއް ކުޅެ އާސެނަލްގެ ގޯލަށް ފުލުފުލުގައި ހަމަލާތަށް ފޮނުވާލާފައެވެ. އެގޮތުން ލިވަޕޫލްއަށް އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. މެޗުގެ 40 ވަނަ މިނުޓުގައި ލިވަޕޫލްގެ މާނޭ ވަނީ ކައުންޓާ އެޓޭކުގައި ލަނޑެއް ކާމިޔާބު ކޮށްދީ އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. ފުރަތަމަ ހާފުގައި އާސެނަލްއަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު އެ ހާފު ނިމިގެން ދިޔައީ 2-0 އަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 57 ވަނަ މިނުޓުގައި އާސެނަލްގެ ބެލެރީންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލްގެ ސަލާހްވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި ލަނޑަށް ފަހު ލިވަޕޫލްގެ އެޓޭކްތަށް އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 77 ވަނަ މިނުޓުގައި ސްޓަރިޖް ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނުމެވެ. މެޗު ނިމިގެން ދިޔައިރުވެސް އާސެނަލްއަށް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
އާދިއްތަ ދުވަހު ޓޮޓެންހަމްއާއި ބާންލީ ވާދަކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ. ޓޮޓެންހަމްއަށް މި މެޗުގައި ލަނޑު ޖަހައިދިނީ ޑެލޭ އަލީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާންލީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސް ވުޑްއެވެ.
މި މޮޅާއިއެކު ލިވަޕޫލްއޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައެވެ. ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލްއޮތީ ތާވަލުގެ 16 ވަނައިގައެވެ. ޓޮޓެންހަމް އޮތީ ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.