ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 14:09
ސްޓާލިން ލަނޑު ޖަހަނީ
ސްޓާލިން ލަނޑު ޖަހަނީ
ޑެއިލީ މެއިލް
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު: ފަހު ވަގުތު ސްޓާލިން ކާމިޔާބު ކޮށްދިން ލަނޑުން ސިޓީ މޮޅުވެއްޖެ
މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާ އަކުން
ސިޓީ އޮތީ ލަނޑުގެ ތަފާތުން ތާވަލުގެ ތިންވަނައިގަ

މެންޗެސްޓާ ސިޓީ އާއި ބޯންމައުތް ބައްދަލު ކުރި މެޗުގައި ފަހު ވަގުތު ރަހީމް ސްޓާލިން ކާމިޔާބު ކޮށްދިން ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ބޯންމައުތްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބޯންމައުތް އިންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑާ ޗާލީ ޑެނިއަލްސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން  އެ ޓީމަށް ލީޑު ނަގައިދިނެވެ.

އެހެން ނަމަވެސް އޭގެ އަށް މިނެޓު ފަހުން ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުން ޑޭވިޑް ސިލްވާ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގެބްރިއެލް ޖީސަސް ވަނީ ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ 74 މިނެޓުގައި ސިޓީގެ ޑިފެންޑާ ނިކޮލަސް އޮޓަމެންޑީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. މެޗުގެ އިތުރު ވަގުތުގައި ސިޓީއަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިންއެވެ. ލަނޑު ޖެހުމަށް ފަހު ސަޕޯޓަރުންނާއި އެކު އުފާ ފާޅުކުރުމުގެ ސަބަބުން ރެފްރީ ވަނީ ސްޓާލިންއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި މޮޅާއިއެކު ސިޓީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު ލަނޑުގެ ތަފާތުން ތާވަލުގެ ތިން ވަނައިގައެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ ބޯންމައުތް އޮތީ ތާވަލުގެ 18 ވަނައިގައެވެ.

- ކޮމެންޓް