ޖައުމަން ބުންޑެސްލީގާގައި ހޮނިހިރު ދުވަހުގެ ރޭގައި ކުޅުނު މެޗުތަކލުން ބަޔާން މިޔުނިކް މޮޅުވިއިރު، ވާދަވެރި ބޮރޫޝިއާ ޑޯޑްމުންޑު ވެސް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މި މެޗުން ބަޔާން މިޔުނިކް މޮޅުވީ 0-2 ގެ ނަތީޖާއިން ވާޑާ ބްރޭމަންގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފުރަތޔަމަ ހާފުނިންމާލަން ޖެހުނީ ލަނޑެއް ނުޖހެި އެއްވަރުވެ އޮވެގެންނެވެ. އެހެން ނަމަވެސް އެޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ފަހުހާފުގެ 72 ވަނަ މިނެޓުގައި ބަޔާންގެ އިތުބާރު ފޯވާޑް ރޮބްޓް ލެވެންޑޯސްކީ ވަނީ ލަނޑުޖަހާ ބަޔާންއަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން މެޗުގެ 75 ވަނަ މިނެޓުގައި ލެވެންޑޯސްކީ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ބަޔާންއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ބަޔާންއަށް ކާމިޔާބުކޮށްދިން 3 ވަނަ ލަނޑެެވެ.
މިއީ ބަޔާން އިން މިފަހަރުގެ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.
ބޮރޫޝިއާ ޑޯޓްމުންޑް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ހާތާ ބާލިން އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔަ ޑޯޓްމުންޑަށް މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑުނަގާދީފައި ވަނީ އެޓީމުގެ އިތުބާރު ފޯވާޑް ޕިއޭރޭ އޮބަމަޔަންގް އެވެ. މި ލަނޑާއެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ޑޯޓްމުންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ނޫރީ ސާހީންއެވެ.
މި މޮޅާއެކު ޑޯޓްމުންޑު ވެސް ވަނީ އެޓީމު މިފަހަރުގެ ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެފައެވެ. ޑޯޓްމުންޑް ދެން ބައްދަލު ކުރާނީ ފްރެއިބާގްއާއެވެ. އަދި ބަޔާން ބައްދަލު ކުރާނީ ކިކާސް އޮފެންބެޗްއާއެވެ.