ފްރާންސްގެ ލީގުގައި ޕީއެސްޖީން ކުޅުނު ތިން ވަނަ މެޗު ވެސް އެ ޓީމުން ކާމިޔާބު ކޮށްފިއެވެ.
ސެއިންޓް އެޓިއެންއާ ވާދަކޮށް ޕީއެސްޖީން މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދުނިޔޭގެ ރިކޯޑު އަދަދަކަށް ޕީއެސްޖީއަށް ބަދަލުވި ނޭމާއަށް މި މެޗުގައި ލަނޑު ނުޖެހެނު ނަމަވެސް އޭނާ ވަނީ ޕީއެސްޖީން ޖެހި ހުރިހާ ލަނޑެއްގައި ބައިވެރިވެފައެވެ.
މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީއަށް ކާމިޔާބުކޮށް ދިނީ އިތުބާރު ފޯވާޑް އެޑިންސަން ކަވާނީއެވެ. މި ޕެނަލްޓީއަކީ ސެއިންޓް އެޓިއެންގެ ކުޅުންތެރިޔަކު އެ ޓީމުގެ ގޯލު އޭރިއާ ތެރެއިން ކަވާނީއަށް ފައުލް ކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ހުސް ފުރަސުތުތަކެއް ދެ ޓީމަށް ވެސް ތަނަވަސް ކުރެވިފައި ނުވާއިރު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ޕީއެސްޖީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 51 ވަނަ މިނުޓުގައި ނޭމާ ނަގައިދިން ހިލޭ ޖެހުމަކުން އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ ތިއާގޯ މޮޓާއެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު މެޗުގެ 89 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދިނީ ކަވާނީއެވެ.
މި މޮޅާއެކު ޕީއެސްޖީއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ. ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ސެއިންޓް އެޓިއެން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނައިގައެވެ.