ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 07:40
ރޫނީ ގައުމީ ޓީމުގެ ޖާޒީގައި
ރޫނީ ގައުމީ ޓީމުގެ ޖާޒީގައި
ގޫގުލް
ކުޅިވަރު
ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން
ރޫނީ ވަނީ ގައުމީޓީމާއެކު ގިނަ އަހަރުތަކެއް ވޭތުކޮށްފައި

އިންގްލެންޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވޭން ރޫނީ ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި އެ ނިންމުން އަނބުރާ ގެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ގައުމީ ޓީމުގެ ކޯޗު ރޯއީ ހޮޑްސަން ބުނެފިއެވެ.

ހޮޑްސަން މިހެން ބުނެފައި ވަނީ މީޑިއާއަށް މައުލޫމާތު ދެމުންނެވެ. ހޮޑްސަން ބުނީ ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާ ކައިރިވެފަ އޮއްވާ ރޫނީ ގައުމީ ޓީމުން ރިޓަޔަރ ކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. ރޫނީ ކަހަލަ ތަޖްރިބާކާރު ހުނަރުވެރި ކުޅުންތެރިން އިނގިރޭސި ގައުމީ ޓީމަށް ބޭނުންވާ ކަމަށާއި އެގޮތުން އަންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާގެ އެހީތެރިންކަން ޓީމަށް މުހިންމު  ކަމަށެވެ.

އެހެން ކަމުން ނިންމި ނިންމުން އަނބުރާ ގެންގޮސް އަލުން ގައުމީ ޓީމާ ގުޅޭނެ ކަމަށް އުންމީދު ކުރާކަމަށް ހޮޑްސަން ވަނީ ބުނެފައެވެ.

ޔުނައިޓެޑް ދޫކޮށް އެވަޓަނަށް ބަދަލުވެ ރޫނީ އަންނަނީ މި ފަހަރު ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިފަހަރުގެ ލީގުގައި ކުޅުނު ދެ މެޗުން ދެ ގޯލް ވެސް ޖަހައި ދީފައެވެ. އުމުރުން 31 އަހަރުގެ ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ވޯލްޑް ކަޕް ކޮލިފައިންގެ މި ފަހަރުގެ މެޗުތަކަށް އިންގްލެންޑު ސްކޮޑު އިއުލާނުކުރަން ކުޑަތަންވެފަ ވަނިކޮށެވެ.

"ރޫނީއަކީ ގައުމީ ޓީމަށް ވަރަށް މިހިންމު ކުޅުންތެރިއެއް. އޭނާ ރިޓަޔަކުރަންވީ ސަބަބެއް ނެތް. އޭނާގެ އުމުރުން އަދި 31 އަހަރު އަދި އޭނާ އަށް ގައުމީ ޓީމަށް ކުޅެވޭނެ. އަންނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުގެ ގައުމީ ޓީމަށް  އޭނާގެ މުހިންމުކަން ބޮޑު،" އިންގްލެންޑަށް 2013 އިން 2016 އަށް ކޯޗުކޮށްދިން ރޯއީ ހޮޑްސަން ބުންޏެވެ.

ރޫނީ އިނގްލެންޑްގެ ގައުމީޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެމެޗެއްގަ އެވެ. ރޫނީ އެންމެ ފުރަތަމަ ކުޅުނު ބޮޑުމުބާރާތަކީ 2004 ވަނަ އަހަރު ޕޯޗިގަލްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާ އިންގްލެންޑަށް ކުޅުނެވެ.

ރޫނީ ވަނީ އިންގްލެންޑަށް 119 މެޗުން ކުޅެދީ 53 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެއެވެ.

 

- ކޮމެންޓް