ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 15:30
އިންޑޮނީޝިއާ އިން ހައްޖަށް ދާ ބަޔަކު ފުރަން މަތިންދާ ބޯޓަށް އަރަނީ (ފައިލް)
އިންޑޮނީޝިއާ އިން ހައްޖަށް ދާ ބަޔަކު ފުރަން މަތިންދާ ބޯޓަށް އަރަނީ (ފައިލް)
ހައްޖު 1438
އެންމެ ގިނަ މީހުން ހައްޖަށް ފޮނުވީ އިންޑޮނީޝިއާ އިން
221،000 މީހުން އިންޑޮނީޝިއާ އިން އައިސްފައިވޭ
2.5 މިލިއަން މީހުން ހައްޖަށް އައުމަށް ކިޔޫގައި އެބަތިބި

ބޭރު ގައުމަކުން އެންމެ ގިނަ މީހުން މިއަހަރު ހައްޖަށް އައީ އިންޑޮނީޝިއާ އިން ކަމަށް ސައުދީ މީޑިއާއިން ހާމަ ކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމުންގެ އާބާދީ އޮންނަ އިންޑޮނީޝިއާއިން މިއަހަރު 221،000 (ދެލައްކަ އެކާވީސްހާސް) މީހުން ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފައެވެ.

މިއީ ބޭރު ގައުމަކުން އެއްފަހަރާ އެންމެ ގިނަ މީހުން ހައްޖަށް ފޮނުވި ފަހަރުކަންވެސް ރެކޯޑްތަކުން ފާހަގަ ކުރެވެއެވެ.

އިންޑޮނީޝިއާ އިން މިއަހަރު ހައްޖަށް އައިސްފައިވާ ގިނަ މީހުންނަކީ 2011 ވަނަ އަހަރުން ފެށިގެން ހައްޖަށް އައުމަށް ރަޖިސްޓްރީ ވުމުގެ ކަންކަން ފުރިހަމަ ކޮށް ކިޔޫގައި ތިބި މީހުން ކަމަށް ސައުދީ އަރަބިއްޔާގައި ހުންނަވާ އިންޑޮނީޝިއާގެ ކޮންސުލް ޖެނެރަލް މުހައްމަދު ހެރީ ޝަރީފުއްދީން ސައުދީ ގެޒެޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ހައްޖަށް އައުމަށް އިންޑޮނީޝިއާގައި ކިޔޫގައި ތިބި މީހުންގެ އަދަދު 2.5 މިލިއަނަށް އަރާ ކަމަށްވެސް ޝަރީފުއްދީން ވިދާޅުވިއެވެ.

މިއަހަރު އިންޑޮނީޝިއާއިން ހައްޖަށް އައި މީހުންނަށް އެހީވުމަށް 3،500 އޮފިޝަލުން އިންޑޮނީޝިއާއިން އައިސްފައިވެއެވެ. މީގެ ތެރޭގައި 1،800 ޑޮކްޓަރުންނާއި ޕެރަމެޑިކްސް ހިމެނެއެވެ.

މީހުން ބޭތިއްބުމަށް މައްކާ އިން 155 ހޮޓާ އިންޑޮނީޝިއާއިން ވަނީ ހިފާފައެވެ.

އިންޑޮނީޝިއާއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އާދިއްތަ ދުވަހުގެ ނިޔަލަށް 53 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި އެކަކު މަރުވީ އެކްސިޑެންޓެއް ވެގެންނެވެ. ދެން ތިބި މީހުން މަރުވީ ގުދުރަތީ މަރުކަމަށް ކޮންސުލް ޖެނެރަލް އާ ހަވާލާދީ މި ޚަބަރުގައި ވެއެވެ.

ސައުދީ ޕްރެސް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ މީހުން ހައްޖަވުމަށްވަނީ ސައުދީއަށް ގޮސްފައެވެ.

މިއަހަރު ހައްޖުވުމަށް އައި އުމުރުން އެންމެ ދޮށީ މީހަކީވެސް އިންޑޮނީޝިއާގެ ރައްޔިތެކެވެ. އޭނާގެ އުމުރަކީ 104 އަހަރެވެ.

- ކޮމެންޓް