ސްވިޑެންގެ ފޯވާޑް ލާޓާން އިބްރަހިމޮވިޗް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގައި ވެސް ޔުނައިޓެޑަށް ކުޅެފައެވެ. އެހެން ނަމަވެސް ޔުރޮޕާ ލީގުގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މިދިޔަ ސީޒަނުގެ ފަހުކޮޅު ކުޅެފައެއް ނުވެއެވެ. ޔުނައިޓެޑާއި އޭނާއާ ދެމެދު ވެފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިބްރަހިމޮވިޗް ހުރީ އެއްވެސް ކްލަބަކަށް ނިސްބަތް ނުވާ ކުޅުންތެރިޔެއްގެ ގޮތުގައެވެ.
އެހެން ނަމަވެސް ހަތަރު މަސްދުވަހު އަނިޔާގައި ހުރުމަށް ފަހު އޭނާ ވަނީ އަލުން އަނބުރާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފައެވެ.
ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އައުމަށް ކެތްމަދުވެފައި ހުރި ކަމަށާއި އެހެން ނަމަވެސް އަނިޔާއިން މުޅިން ރަނގަޅުވުމަށް އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށެވެ. އަދި ކުރީގެ ފޯމު އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް އިބްރަހިމޮވިޗް ބުނެފައި ވެއެވެ.
ޔުނއިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފައި ވަނީ އިބްރަހިމޮވިޗް އަލުން އަނބުރާ ޓީމާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި އޭނާގެ ތަޖުރިބާ އާއި ހުނަރަކީ މި ސީޒަނުގައި ތަށި ހޯދުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ހަމަ އެހެންމެ މިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާ އެކު އޭނާއަށް އާ އެއްބަސްވުމެއް ހައްގު ކަމަށް މޮރީނިއޯ ހާމަކުރިއެވެ.
މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް ބޭނުންކުރި 9 ނަމްބަރު ޖާޒީ މި ސީޒަނުގައި ބޭނުންކުރަނީ ޔުނައިޓެޑާ އަލަށް ގުޅުނު ފޯވާޑް ލުކާކޫއެވެ. އިބްރަހިމޮވިޗް މި ސީޒަނުގައި ބޭނުންކުރާނީ 10 ނަމްބަރު ޖާޒީއެވެ.
އިބްރަހިމްއޮވިޗް ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑަށް ކުޅެދިން 28 މެޗުގައި އޭނާވަނީ 17 ގޯލް ކާމިޔާބު ކޮށްދީފައެވެ.