މި ޓްރާންސްފާ މާކެޓުގައި އިތުރު ތިން ކުޅުންތެރިޔަކު ޗެލްސީއަށް ގެނައުމަށް އެ ކްލަބުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުން އެބަދެއެވެ.
މަޝްހޫރު ނޫހެއް ކަމަށްވާ ދަ ޓެލެގްރާފްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން ޗެލްސީގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް އިތުރު ތިން ކުޅުންތެރިޔަކު ގެނައުމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ކްލަބުގެ މެނޭޖްމަންޓުގައި އެދިފައެވެ.
ޗެލްސީން ވަނީ އާސެނަލްއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑާ ޗެމްބަލިން ހޯދުމަށް 35 މިލިއަން ޕައުންޑް ބިޑު ކޮށްފައެވެ. އޭގެ އިތުރުން ޗެލްސީން ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޑެނީ ޑްރިންކް ވޯޓާ އާއި އެވަޓަންގެ ހުނަރުވެރި މިޑްފީލްޑަރު ރޮސް ބާކްލީ އަށް ވެސް ބިޑު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ކުޅުންތެރިންގެ ތެރެއިން އާސެނަލްގެ ޗެމްބަލިންގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އާސެނަލް އިން އަންނަނީ އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް މި ޓްރާންސްފާ މާކެޓުގައި އޭނާ އެހެން ޓީމަކަށް ބަދަލުވާނެ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
މި ޓްރާންސްފާ މާކެޓުގައި ފާއިތުވި ސީޒަންތަކުގައި ޗެލްސީގައި މުހިންމު ރޯލުތައް އަދާކުރި ބައެއް ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ. އެގޮތުން ކެޕްޓަން ޖޯން ޓެރީއާއި ނެމެންޔާ މަޓިޗް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ މި ކުޅުންތެރިން ނެތްތަން ފޫ ބެއްދުމަށް ރެއާލް މެޑްރިޑުގެ މޮރާޓާ އާއި މޮނާކޯގެ ބަކަޔޯކޯގެ އިތުރުން ރޯމާގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ގެނެސްފައެވެ.
މިދިޔަ ސީޒަނުގައި ޗެލްސީގެ ފޯވާޑް ލައިން ބެލެހެއްޓި ޑިއޭގޯ ކޮސްޓާ އާއި އެ ކްލަބުގެ ކޯޗާ ދެމެދު ވަނީ މައްސަލަ ޖެހިފައެވެ. އެގޮތުން ކޮންޓޭގެ ޕްލޭންތަކުގައި ކޮސްޓާއަށް ފުރުސަތު ނެތް ކަމަށް ބުނުމުން އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތައް ދޫކޮށް ބްރެޒިލްއަށް ގޮސްފައެވެ.