ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ލިވަޕޫލް ކޮލިފައި ވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ ހޮފެންހައިމްއާއި ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައިވަނީ 2-1 އަކުންނެވެ. ލިވަޕޫލްއިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވެފައިވަނީ 6-3 ގެ އެގްރިގޭޓުން ހޮފެންހައިމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފުރަތަމަ ހާފުގެ 10 ވަނަ މިނުޓުގައި ލިވަޕޫލްއަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑާ އެމްރޭ ކާންއެވެ. އޭގެ އަށް މިނުޓު ފަހުން ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އެ ޓީމުގެ ފޯވާޑް ސަލާހްއެވެ. އެމްރޭ ކާންވަނީ އޭގެ ތިން މިނުޓު ފަހުން ލިވަޕޫލްގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މެޗުގެ 28 ވަނަ މިނުޓުގައި ހޮފެންހައިމްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އެ ޓީމުގެ ފޯވާޑް މާކް އުތްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 63 ވަނަ މިނުޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. މެޗުގެ 79 ވަނަ މިނުޓުގައި ހޮފެންހައިމްގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ފޯވާޑް ސަންޑްރޯ ވެގްނާއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ 14 މަސްދުވަހުގެ ބުރަ މަސައްކަތަށް ފަހު ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ވުމުން ވަރަށް އުފާވާ ކަމަށާއި މިފަދަ ބޮޑު ކާމިޔާބީގެ ފަހަތުގައި ވަނީ ކުޅުންތެރިންގެ މަސައްކަތާއި ހިތްވަރު ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުން ބުރާސްފަތި ދުވަހު އޮންނާނެއެވެ. ގްރޫޕް ސްޓޭޖުގައި ލިވަޕޫލްއިން ކުރިމަތިލާން ޖެހިދާނެ ބައެއް ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާއާއި ޔުވެންޓަސްގެ އިތުރުން ބަޔާން މިއުނިކް ހިމެނެއެވެ.