އަނިޔާއަށް ފަހު މުޅިން ރަނގަޅުވެ ނިމިގެންދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދައްކާފައިވާ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބުރަހިމަވިޗް އަލުން މެންޗެސްޓާ ޔުނައިޓެޑާއި ގުޅެން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ނިމިގެން ދިޔަ ޔޫރޮޕާލީގު ޔުނައިޓެޑަށް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރި އިބްރަހިމޮވިޗް ޔުނައިޓެޑާއި އަލުން ގުޅެން ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާގައި ޚަބަރު ފެތުރިފައިވާއިރު އޭނާ އަނިޔާގައި ހަތަރު މަސްދުވަސް ވަނީ ހޭދަ ކޮށްފައެވެ. އިބުރަހިމޮވިޗް އަށް އަނިޔާވީ ޔޫރަޕާ ލީގުގައި ބެލްޖިއަމްގެ ކްލަބް އަނޑަލެކްޓްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެ މެޗުގައި އިބުރަހިމޮވިޗް ގެ ކަކުލުގެ ލިގަމެންޓްއަށް ލިބުނު އަނިޔާއަށް ފަހު ގިނަ ބަޔަކު ގަބޫލު ކުރި ގޮތުގައި އިބްރަހިމްއޮވިޗް ދެން ޔުނައިޓެޑާއި ނުގުޅޭނެ އެވެ. އަދި އެ އަނިޔާއާ ގުޅިގެން އޭނާގެ ކެރިޔަރު ނިމުމަކަށް އައީ ކަމަށް ވެސް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް މި އަނިޔާއިން ރަނގަޅުވެ އިބަރަހިމްއޮވިޗް މިވަނީ ޔުނައިޓެޑާއެކު އާ އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރު ވެފަ އެވެ.
ކަކުލުގެ އޮޕަރޭޝަނަކަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އެނބުރި އަންނަން އިބްރަހިމްއޮވިޗް ތައްޔާރު ވަމުންދާއިރު، އޭނާ ޔުނައިޓެޑާއެކު ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގައި ހަމަވެފައެވެ. އެހެން ނަމަވެސް އިބުރަހިމޮވިޗަށް އިތުރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދޭން ޔުަނއިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ އެއްބަސްވެފައެވެ. އެގޮތުން ޔުނައިޓެޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮރީނިއޯ ވަނީ އިބުރަހިމޮވިޗްއަށް ޔުނައިޓެޑުން އަދިވެސް ފުރުސަތު އޮތް ކަމަށްބުނެ ދައުވަތު ދީފައެވެ.
އިބްރަހިމްއޮވިޗް ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑަށް ކުޅެދިން 28 މެޗުގައި 17 ގޯލް ވަނީ ކާމިޔާބު ކޮށްދީފައެވެ.
2016 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީން ޔުނައިޓެޑަށް ބަދަލުވި ފޯވާޑް އަންނަ ހަފްތާގައި ޔުނައިޓެޑުގެ އާއެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް މީޑިއާރިޕޯޓްތައް ބުނެއެވެ.