މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެޓޭކިން ފޯސް އޮތީ އާޖެންޓީނާގައި ކަމަށް އިންޓަ މިލާން އަދި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ ބުނެފިއެވެ.
އިކާޑީ މިހެން ބުނެފައިވައިވާއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އުރްގުއޭ އަދި ވެނެޒުއެލާ އާއި ދެކޮޅަށް ނުކުންނަ އާޖެންޓީނާގެ ސްކޮޑުގައި އޭނާ ވަނީ ހިމަނާފައެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން އޭނާ ސްކޮޑަށް ނެގި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން އިކާޑީ ބުނެފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު ތިބި އެންމެ މޮޅު ފޯވާޑުންނާއެކު ކުޅެން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އަދި އެފަދަ ކުޅުންތެރިންނާއިއެކު ކުޅެން ފުރުސަތު ލިބުމަކީ އެނާއަށް ވެސް ކުރިއެރުމެއް ކަމަށެވެ.
އާޖެންޓީނާގެ ފޯވާޑް ލައިނަކީ އިކާޑީގެ އިތުރުން ގިނަ ބަޔަކުވެސް ދެކޭ ގޮތުގައި ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފޯވާޑް ލައިނެވެ. އެގޮތުން ޔުވެންޓަސްގެ ޕައުލޯ ޑިބާލާއާއި ގޮންޒާލޯ ހިގުއިންއާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯގެ އިތުރުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ދެކޭ ބާސެލޯނާގެ ލިއޮނެލް މެސީ ހިމެނެއެވެ.
މިހާ ވަރުގަދަ ފޯވާޑް ލައިންއަކާއިއެކު ވެސް އާޖެންޓީނާއަށް ކާމިޔާބު ހާސިލް ނުކުރެވޭތީ ގިނަ ބަޔެއްގެ ފާޑުކިޔުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވުމުގައިވެސް އާޖެންޓީނާއަށް ވަނީ ހުރަސްތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް އިކާޑީ ކުޅެދީފައިވަނީ އެންމެ މެޗެކެވެ. އެހެން ނަމަވެސް އޭނާ އަންނަނީ އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި އިންޓަ އިން ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.