ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 11:35
ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ
ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ
ގޯލް.ކޮމް
ފިލިޕޭ ކޫޓީނިއޯ
ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ
ބާސާއިން މިފަހަރު ހުށަހަޅާނީ 138 މިލިއަން ޕައުންޑު
ކޫޓީނިއޯ ގެނައުމަށް މީގެ ކުރިން ބާސާއިން ވަނީ ތިން ފަހަރެއްގެ މަތިން ބިޑު ކޮށްފަ

ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑާ ފިލިޕޭ ކޫޓީނިއޯ ގެނައުމަށް ސްޕެއިންގެ ބާސެލޯނާއިން ހަތަރު ވަނަ ފަހަރަށް ބިޑު ކުރަން ނިންމައިފިއެވެ.

ކޫޓީނިއޯ ގެނައުމަށް މީގެ ކުރިން ބާސާއިން ވަނީ ތިން ފަހަރެއްގެ މަތިން ބިޑު ކޮށްފައެވެ. އެހެން ނަމަވެސް މި ތިން ފަހަރު ވެސް ލިވަޕޫލްއިން ވަނީ އެ ބިޑުތައް އަނބުރާ ފޮނުވާލާފައެވެ. އެގޮތުން އެންމެ ފަހުން ބާސާއިން ބިޑުކޮށްފައި ވަނީ 119 މިލިއަން ޕައުންޑް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މަޝްހޫރު ވެބްސައިޓް ސްކައި ސްޕޯޓްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބާސާއިން މިފަހަރު ހުށަހަޅާނީ 138 މިލިއަން ޕައުންޑެވެ. އޭގެ ތެރެއިން 101 މިލިއަން ޕައުންޑަކީ ކޫޓީނިއޯގެ ޓްރާންސްފާ ފީއަށްވާ އިރު ބާކީ 37 މިލިއަން ޕައުންޑަކީ ބޯނަސްގެ ގޮތުގައި ލިވަޕޫލްއަށް ހުށަހަޅާ ފީއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބެލެވޭ ގޮތުގައި މިއީ ބާސާއިން ކޫޓީނިއޯ ގަންނަން ހުށަހަޅާނެ އެންމެ ފަހު ބިޑެވެ. އެހެން ނަމަވެސް ލިވަޕޫލްގެ މެނޭޖްމަންޓުން ބުނެފައި ވާނީ މި ޓްރާންސްފާ މާކެޓުގައި ކޫޓީނިއޯ އެހެން ކުލަބަކަށް ނުވިއްކާނެ ކަމަށެވެ. އަދި އޭނާ ގަންނަން ހުށަހަޅާ އެއްވެސް ބިޑެއް އެކުލަބުން ބަލައިނުގަންނާނެ ކަމަށެވެ.

ބާސާއިން އަންނަނީ އެ ކްލަބުގެ މެދުތެރެ ވަރުގަދަ ކުރުމަށް ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބާސާއިން އެންމެ ފުރަތަމަ ބިޑުކޮށްފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑާ މާކޯ ވެރާޓީއަށެވެ. އެހެން ނަމަވެސް ޕީއެސްޖީއިން ވަނީ ވެރާޓީ އެ ޓީމުގައި މަޑުކުރުވާފައެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކޫޓީނިއޯ ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައެވެ. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކޫޓީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކޫޓީނިއޯ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

- ކޮމެންޓް