ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 11:37
ޕީއެސްޖީގެ ތަރި ނޭމާ
ޕީއެސްޖީގެ ތަރި ނޭމާ
ގޯލް.ކޮމް
ބާސެލޯނާ
ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
ބޯނަސްގެ ގޮތުގައި ހުށަހެޅި 8.5 މިލިއަން ޔޫރޯ އަނބުރާ ބާސާއަށް ދައްކަން ވަނީ އަންގާފައި
ނޭމާއަށް މި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ޕީއެސްޖީއިން އެ ފައިސާ ދައްކަން ޖެހޭނެ: ބާސާ

ބާސެލޯނާއިން ދުނިޔޭގެ ރިކޯޑު ފީއަކަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއާ ދެކޮޅަށް ސްޕެއިންގެ ލޭބާ ޓްރައިބިއުނަލްއަށް އެ ކްލަބުން މައްސަލަ ހުށަހަޅައިފިއެވެ.  

ބާސާއިން ނޭމާއާ ދެކޮޅަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ބަސާއިން ބޯނަސްއެއްގެ ގޮތުގައި ދިން 8.5 މިލިއަން ޔޫރޯ ހޯދުމަށެވެ.

ބާސާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި އެ ކްލަބުން ހާމަކޮށްފައި ވަނީ ނޭމާއާ އެކު މިދިޔަ އަހަރު އެ ކްލަބުން ހެދި އެއްބަސްވުމާ އޭނާ ޚިލާފް ވެފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ބޯނަސްގެ ގޮތުގައި ހުށަހެޅި 8.5 މިލިއަން ޔޫރޯ އަނބުރާ އެ ކްލަބަށް ދެއްކުމަށް ނޭމާއާ ދެކޮޅަށް ސްޕެއިންގެ ލޭބާ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އޭގެ އިތުރުން ހާމަކޮށްފައި ވަނީ އެ ފީ ދެއްކުން ލަސް ވުމުގެ ސަބަބުން ބާސާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ބޯނަސްގެ 10 ޕަސެންޓު ނޭމާ ބާސާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ނޭމާއަށް މި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އޭނާ މިހާރު ކުޅެމުން އަންނަ ޓީމު ޕީއެސްޖީއިން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް ބާސާއިން ހުށަހެޅި މައްސަލައިގައިވެ އެވެ.

ޕީއެސްޖީއިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ކްލަބުން ހާމަކޮށްފައި ވަނީ ނޭމާއާ ދެކޮޅަށް ބާސާއިން މި މައްސަލަ ހުށަހެޅުމުން ހައިރާންވާ ކަމަށާއި އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބާސާއާ އެކު ނޭމާ  ހަދާފައިވާ އެއްބަސްވުން އާކުރި ކަމުގައިވިޔަސް އޭނާ ވަނީ ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް މި އޮގަސްޓު މަހު ޕީއެސްޖީއަށް  ސޮއިކޮށްފައެވެ.

ބާސާއަށް ކުޅުނު 123 މެޗުގައި ނޭމާވަނީ އެ ޓީމަށް 68 ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭނާއަންނަނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.  

- ކޮމެންޓް