މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއާލް ބުނެފިއެވެ.
މެންޗެސްޓާ ޓީވީއާއި ވާހަކަ ދައްކަމުން މާޝިއާލް ބުނެފައިވަނީ ޕޮގްބާގެ ފަރާތުން މިހާރު ފެންނަމުން ދަނީ ތަފާތު މޮޅު ކުޅުމެއްކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު ތެރޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުންނާނި ޕޮގްބާ ކަމަށެވެ.
އޭގެ އިތުރުން މާޝިއާލް ވަނީ ޕޮގްބާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުކަމަށާއި އޭނާއަކީ ބުންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިޔެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ޕޮގްބާ އިތުރަށް މަސައްކަތްކޮށްފިނަމަ އޭނާ މިހާރު ހުރި ފެންވަރަށް ވުރެ މޮޅުވެވޭނެ ކަމަށް މާޝިއާލް ބުނެފައިވެއެވެ.
ޕޮގްބާއާއިއެކު މެންޗެސްޓާރ ޔުނައިޓެޑުގައި ގިނަ މުބާރާތްތަކެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި އަދި ފްރާންސާއިއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީވެސް ހުވަފެނެއް ކަމަށް މާޝިއާލްވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއިން ދުނިޔޭގެ ރީކޯޑު ފީއަކަށް ބަދަލުވުމަށްފަހު ޕޮގްބާ އަންނަނީ ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 30 މެޗުގައިވަނީ ފަސް ގޯލު ކާމިޔާބުކޮށްދީފައެވެ.