ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 12:49
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
އުއްމީދީ ރިޔާސީ ބަޔާން ފަނުފުލުން ދުއްވާލީ ރައީސް މުއިއްޒު
ނިމިދިޔަ ރިޔާސީ ބަޔާނުގައި ވިދާޅުވި އުއްމީދުތައް ހާސިލްވެއްޖެކަމަށް ރައީސް އިއުލާން ކުރައްވާ އަޑު އަހަން ތިބި މީހުން މަދެއް ނޫނެވެ. އެކަމަކު ކަންވީކީ އެހެނެއް ނޫނެވެ. އަޑުއިވުނީ ހަމަ އެވާހަކަތައް ތަކުރާރު ކުރެއްވި އަޑެވެ.

އަދިވެސް އެވާހަކައެވެ. ނަގަނަގައިގެންވެސް އެވާހަކައެވެ. ތަންތަންކޮޅު ނަގައިގެންވެސް ދައްކަނީ ދައްކަނީ ހަމަ އެއްވާހަކައެވެ. ވަޒީރުންނާއި ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ސޯޝަލް މީޑިއާގައިވެސް ހަމަ އެއްވާހަކައެވެ. ގައުމީ ޓީވީންވެސް އެނޫން އެއްޗެއް ނުކިޔައެވެ. ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅުއްވި ރިޔާސީ ބަޔާނުގެ ވާހަކައެވެ. އެބަޔާނުން ލިބިދޭ އުއްމީދުތަކުގެ ވާހަކައެވެ. ރައްޔިތުންގެ އުއްމީދުތައް އެބަޔާނުން ހާސިލްވާ ވާހަކައެވެ. އެވެރިން އެބުނާ ގޮތުންނަމަ މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް އެހުށަހެޅުއްވީ އުއްމީދީ ރިޔާސީ ބަޔާނެކެވެ.

މަށަކުވާ އެކަމަށް ދެކޮޅެއް ނުހަދާނަމެވެ. މިދިޔަ އަހަރު އިއްވި ފުރަތަމަ ރިޔާސީ ބަޔާން އަޑުއަހާފައި އާޝޯޚްވިއެވެ. އުއްމީދުތައް އުތުރިއަރައިގަތެވެ. ރައީސް މުއިއްޒުގެ އެބަލާޣާތްތެރި ފަށުވި އެހާމެ ނަލަ އެ ބަޔާނުން އަހަރެންގެ އުއްމީދުތައްވެސް މެކުހަށް ޖެހިއެވެ. އެބަޔާނުގައި އެވިދާޅުވި އުއްމީދުތަކާއެކު މި ގައުމުގޮސް ހުއްޓޭނެ ރަނގަޅު ހިސާބު ހިތަށް އަރާފައި އުފަލުން ރޮވޭވަރުވިއެވެ.

އޭގެ އެއްއަހަރު ފަހެވެ. އަނެއްކާ އަނެއް ރިޔާސީ ބަޔާން އިއްވީއެވެ. މައިނީ ކަނުލާ އަޑު އަހާށެވެ. ނިމިދިޔަ ރިޔާސީ ބަޔާނުގައި ވިދާޅުވި އުއްމީދުތައް ހާސިލްވެއްޖެކަމށް ރައީސް އިއުލާން ކުރައްވާ އަޑު އަހާށެވެ. އެކަމަކު ކަންވީކީ އެހެނެއް ނޫނެވެ. އަޑުއިވުނީ ހަމަ އެވާހަކަތައް ތަކުރާރު ކުރައްވާ އަޑެވެ. ވިދާޅުވީ އިހުކުރަން ވިދާޅުވެގެން ކޮށް ނިންމާފައި ހުރި ކަންކަން އަނެއްކާވެސް ކުރައްވާ ވާހަކައެވެ. ކުރައްވާ ނިންމެވިކަމަށް ވިދާޅުވި ކަންކަން ދިމާ އިދިކޮޅަށެވެ. ފުއްދެވިކަމަށް ވިދާޅުވި ވައުދުތައް އޮޅުންބޮޅުންވެ އޭގެ އަސްލު ގެއްލި ފައިވާ ތަނެވެ.

އަހަރެން ހުރީ އިތުރަށް މިވާހަކަ ނުދައްކާށެވެ. އެކަމަކު ސަރުކާރުން މިނޫން ވާހަކައެއް ނުދައްކާތީ އެކަމަށް އިޖާބަދޭ ހިތްވީއެވެ. ބައެއް ކަންކަމުން މިސާލު ޖެހީމާ ފަސޭހަވާނެ ކަމަށް ބަލަމެވެ. ފަހުމްވާނެވަރު ބޮޑުވާނެކަމަށް ދެކެމެވެ.

މަސްވެރިންނަށްވީ ވައުދު ފުއްދަވައިފިޔޯލައެވެ. ކުރިން ނުދީހުރި ފައިސާ އެއްކޮށްދީ ޚަލާސްކޮށް ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި މިހާރު ފައިސާ ދޭ ވާހަކަ އެވިދާޅުވީ އަޑަށް ބާރުލައްވާފައެވެ. ވިދާޅުވީ އެވައުދު ފުއްދެވުނީ ކަމަށެވެ. ހަނދުމަ ނެތުނީ އެވައުދުވީ ގޮތެވެ. ވިހިރުފިޔާއަށްވުރެ ދަށް ނުކޮށް ސީދާ ޑޮލަރުން 48 ގަޑިއިރު ތެރޭގައި ފައިސާ ދީ ނިންމާނެކަމަށް ވިދާޅުވި ވިދާޅުވުން އަނބުރާލެއްވީއެވެ. މަސްވެރިން ކުރި އުއްމީދު ފެނަށް އެހައްދަވާލެއްވީ ސީދާ ރައީސް މުއިއްޒެވެ.

ވިދާޅުވީ އާސަންދައިން ދެން ބޭހަށް ފޮނުވާނީ ބެންކޮކަށާއި ދުބާއީއަށް ކަމަށެވެ. ހަމައެކަނި ބޭސްފަރުވާގެ ބަދަލުގައި ކެއިންބުނިމަށާއި ހުންނާނެތަނަށްވެސް ފައިސާ ދޭނެކަމަށް ވިދާޅުވިއެވެ. އެވައުދު ފުއްދުނުކަމަށް ވިދާޅުވެ ވަރަށް ފޯރިވެސް ނަގައިފިއެވެ. އާޚިރުގައި ކަންކުރީކީ އެހެނެއް ނޫނެވެ. ހަމަޖެއްސީ ކުރިންވެސް ފޮނުވި އިންޑިއާއާއި ލަންކާއިން ނުވިއްޔާ ނުވިކަމެއް ކޮށްދޭން ފޮނުވާގޮތަށެވެ. އެވައުދު ފުއްދިގެން އެވާހަކަ ދައްކާއިރު އާއްމު ރައްޔިތު މީހާއަށް ވީގޮތް މާ ސާފެވެ. އެތަންތަނަށް އާސަންދަ ލިބުން ދަތިވީއެވެ. އެންސްޕާއިން ދެމުންއައި އެހީތެރިކަން ލިބުން ހުއްޓުނީއެވެ. ނަތީޖާއެއްގެ ގޮތުން ތައިލެންޑަށާއި ދުބާއީއަށް ފޮނުވާނެ މީހަކު ނެތޭވަރުވީއެވެ. މިފަހަރުވެސް ކަންކުރެއްވިގޮތުން އުއްމީދުތައް ފެނަށް ދުއްވާލީ ސީދާ ރައީސް މުއިއްޒެވެ.

މާގިނަ ވާހަކައެއް ދެން ނުދައްކާނަމެވެ. ނިންމާލަމުން އެއްކަމަކަށް ބަލާލާނަމެވެ. ވެރިކަމަށް ވަޑައިގެންނެވުނީއްސުރެ އެދައްކާ ރަސްމާލެ ވާހަކައެވެ. ވިދާޅުވީ އެއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ރައްޔިތުން ހާއުފާކޮށްދޭނެ ބޮޑުބިޔަ މަޝްރޫއެއް ކަމަށެވެ. އުއްމީދުން ފުރުނީ އެކަމަށް ދައުލަތުގެ ބަޖެޓުން ލޯލާރިއެއްވެސް އެކަމަށް ނުނަގާނެ ކަމަށް ވިދާޅުވީމައެވެ. މިފަހަރުވެސް ކަންވީ ދިމާ އިދިކޮޅަށެވެ. އެއްކަލަ ވާހަކަތައްވީ ރުކަށްއެރި މީހާގެ ނަދުރަށެވެ. މުޅިވާހަކަ ބަދަލުވެ ނިމުނުއިރު ރާޖޫއަށް ވިއްކި ބިންތައް އަތުލުމުން ބޮޑުއެއްޗެއް ދޭންވެސް ޖެހުނީއެވެ. އެތައް ތާރީޚެއްދީގެން އަދިވެސް ރަނގަޅަށް ފެނުންމައްޗަށް ނުހިއްލޭއިރު އެކަމަށް އެތައް މިލިޔަނެއް ބަޖެޓުން ހުސްވީއެވެ. ޗާލުކޮށް ނަލަކޮށް ކަނޑުއަޑީގެ މަންޒަރުތައް ބަލާލަމުން ދުއްވާފައި މާލެ އާދެވޭގޮތައް އަޅާ ޓަނަލްގެ ވާހަކަ ނަންވެސް ނުގަތީއެވެ. އެއުއްމީދުތައްވެސް ހާސިލްނުވެ އެދިޔައީ ފަނުފުލުންނެވެ. ރައީސާ ހެދިއެވެ.

ކޮންމެއަކަސް މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ކޮނުނުވަރަކަށް ފަސްގިނވާނެތީ ކުރުކޮށްލާނަމެވެ. އެކަމަކު ފެންނާންހުރި މަންޒަރުތަކާއި ބަދަލުވި ރާގާއި ވައުދުތައް އެފުށް މިފުށަށް ޖެހުނުލެއް ބޮޑުކަމުން ވިފައި މިވަނީ ރިޔާސީ ބަޔާނުގެ އުއްމީދުތައް ފަނުފުލުން ދިޔަތަނެވެ. އުއްމީދީ ރިޔާސީ ބަޔާން ފަނުފުލުން ދުއްވާލީ ސީދާ ރައީސް މުއިއްޒެވެ.

- ކޮމެންޓް