ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 09:33
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގޮނޑިގެއްލޭ ގޮތައް ގެނައި ބަދަލުގެ މައްސަލަ
ގޮނޑިގެއްލޭ ގޮތައް ގެނައި ބަދަލުގެ މައްސަލަ ނުނިމެނީސް، އެއްވެސް ފަނޑިޔާރެއް ވަކިކޮށްފިނަމަ އެއީ މި ސަރުކާރުގެ ބަލިވުމެއް: އަލީ ހުސެއިން
މި މައްސަލާގައި ގޮތެއް ނިންމުމުގެ މިނިވަންކަން ސުޕްރީމް ކޯޓަށް ލިބެންޖެހޭ
ރައްޔިތުންގެ މެދުގައި ކުޑަނަމަވެސް އިތުބާރެއް މިހާރު އޮތީ ސުޕްރީމް ކޯޓަށް
މި މައްސަލާގައި ކަން ހިނގާ ގޮތުން ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުން ރަނގަޅު ފިލާވަޅުތަކެއް ލިބޭނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ނުނިމެނީސް، ސަރުކާރުގެ ނުފޫޒާއެކު ކޯޓުގެ އެއްވެސް ފަނޑިޔާރަކު ވަކި ކުރާނަމަ އެއީ ސަރުކާރުގެ ބަލިވުމެއް ކަމަށް އެ މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މި މަހަށް ތާވަލުކޮށްފައި ވަނިކޮށް، ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ކަމަށް އިތުބާރު ހުރި ގޮތަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މިމައްސަލާގައި ގޮތެއް ނިންމުމުގެ މިނިވަންކަން ސުޕްރީމް ކޯޓަށް ލިބެންޖެހޭ ކަމަށާއި، މައްސަލާގައި ވަކި ގޮތެއް ނުނިންމެނީސް ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއް ވަކިކޮށްފިނަމަ އެއީ، މައްސަލާގައި ލިބުނު ކުރިއެރުމެއް ކަމަށާއި، ސަރުކާރުގެ ބަލިވުމެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ނިންމަން ފުރުސަތު މިލިބެނީ އެނގޭތޯ. ސުޕްރިމްކޯޓުގެ މިނިވަންކަމާއެކު މުސްތަގިއްލު ކަމާއެކު ސުޕްރީމްކޯޓުން ނިންމަން ޖާގަ ދޭށޭ. އޭގެ ކުރިން ސުޕްރީމް ކޯޓުން ސުޕްރީމްކޯޓުގެ ފަނޑިޔާރުން ބަދަލުކުރާ ކަމަށްވަންޏާ އެކޭސް ވިން ނުވާނެ ކަމަށް ޔަގީން އެކަން ޔަގީންވެގެންނޭ. އެހެންވީމަ ހަގީގަތުގައި ޑިފީޓް ނޫނިއްޔާ ބަލި ސަރުކާރުން ގަބޫލު ކުރި ކަމަށް އަޅުގަނޑު ބަލާނީ ސުޕްރީމްކޯޓުން އެއްވެސް ފަނޑިޔާރަކު މިވަގުތު މިމައްސަލަ ނިންމުމުގެ ކުރީން އެއްވެސް ފަނޑިޔާރަކު ވަކިކުރަން މި ސަރުކާރުން މަސައްކަތް ކޮށްފި ކަމަށްވަންޏާ އަޅުގަނޑު ގަބޫލުކުރާނީ ހަގީގަތުގައި މިކޭސް އަޅުގަނޑުމެންނަށް ވިންވީ ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

ޖުޑިޝަރީ ނިޒާމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މެދުގައި ކުޑަނަމަވެސް އިތުބާރެއް މިހާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެހެންވީމަ އެ ސުޕްރީމް ކޯޓަށް އަޅުގަނޑަށް ހީވަނީ އިތުބާރު ކުރާ މީހުން ކޮންމެހެން އަޅުގަނޑަކީ ވެސް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ނިންމާ ހުރިހާ މައްސަލަތަކާއި އެއްބައިވާ މީހެއް ނުވަތަ ކޮންމެހެން އަޅުގަނޑަށް ހިތްހަމަ ޖެހޭ ގޮތަކަށް ވެސް ނޫން ސުޕްރީމްކޯޓުގެ ހުރިހާ މައްސަލަތަކެއް ހުންނަނީއެއް. އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ކަމަކީ މިހާރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ ހިޔާލު ތަފާތުވެދާނެ. އެހެންނަމަވެސް މީހެއްގެ ނުފޫޒުގައި ޖެހިގެން ނުވަތަ ފާއިސާގެ މުއާމަލާތެއްގައި ޖެހިގެން އެފަދަ ކަމަކާ ގުޅިގެން އެބޭފުޅުން ހުކުމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އޮވޭ. އެހެންނަމަވެސް އަޅުގަނޑު ގާނޫނު މާނަކުރާ ގޮތަށް އެބޭފުޅުން އެއްބަސްނުވެދާނެ. އެކަން އަޅުގަނޑަށް ވެސް އެނގޭ. އެހެންވީމަ މިހާރު މިއޮތް ސްޕްރީމްކޯޓުން ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމް ނާތުވެދާނެތީވެ އަޅުގަނޑަށް ގަބޫލުކުރެވެނީ މިކަން ކުރަން މިއުޅެނީ. އެހެންވީމަ ރަށު ތެރޭގައި މިވާހަކަތައް ހަމަ އާދަޔާ ހިލާފަށް މިއަދު ވެސް ދެކެވެމުންދޭ. ''
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި، މިއީ މިފަދަ މައްސަލައެއް ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށެވެ. މިނިވަންކަމާއެކު މިމައްސަލަ ސުޕްރީމް ކޯޓުން ބަލައި، ހުކުމް އިއްވާނަމަ ދިވެހިރާއްޖޭގައި ގާނޫނު ކިޔަވާ ކުދިންނަށް ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުން ރަނގަޅު ފިލާވަޅުތަކެއް ލިބޭނެ ކަމަށެވެ. އަދި ސަރުކާރު ހިންގަން ތިބި މީހުންނާއި، ރައްޔިތުން މަޖިލިސް މެންބަރުންނަށް ވެސް އެމީހުންނަށް ވެސް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތައް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ 17 ފެބްރުއަރީ 2025ގެ ހެނދުނު 11:00 އަށެވެ.

މި މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސާއާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

- ކޮމެންޓް