ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 23:03
އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުން 9000 ކިލޯގެ ބޮމާއި ބަންކަރ ބަސްޓަރ ބޮން، ބޮން އަޅާ ބޯޓަކަށް ލޯޑު ކުރަނީ
އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުން 9000 ކިލޯގެ ބޮމާއި ބަންކަރ ބަސްޓަރ ބޮން، ބޮން އަޅާ ބޯޓަކަށް ލޯޑު ކުރަނީ
ގެޓީ އިމޭޖަސް
އެމެރިކާ-އިސްރާއީލު ގުޅުން
އެމެރިކާއިން އިސްރާއީލަށް 7.4 ބިލިއަން ޑޮލަރުގެ ބޮމާއި ހެލްފަޔަރ މިސައިލް ވިއްކުމަށް ހުއްދަދީފި
ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި، އެމެރިކާއިން އިސްރާއީލަށް 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައިވޭ.

އެމެރިކާ އިން އިސްރާއީލަށް 7.4 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކުމަށް ހުއްދަ ދީފައިވާކަން ސްޓޭޓް ޑިޕާޓްމަންޓުން ހާމަ ކޮށްފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގި 15 މަސް ދުވަހަށް ދިގުލީ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އިސްރާއީލުން ބޭނުން ކުރީ އެމެރިކާގެ ނުރައްކާތެރި ހަތިޔާރުކަން ފާހަގަ ކުރެވެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ކޮންގްރެސް އަށް އަންގާފައި ވަނީ އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި، ގައިޑެންސް ކިޓްތަކާއި، ފިއުޒް ވިއްކުމަށް ހުއްދަދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 660 މިލިއަން ޑޮލަރުގެ ހެލްފަޔަރ މިސައިލް ވިއްކުމަށް ވެސް ހުއްދަދީފައިވާ ކަމަށެވެ.

"އެމެރިކާ އިން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ އިސްރާއީލަށް އެހީތެރިވުމަކީ އެމެރިކާގެ ޤައުމީ މަޞްލަޙަތަށް ވަރަށް މުހިންމު ކަމެކެވެ..." އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އޭޖެންސީ (ޑީއެސްސީއޭ) އިން ބަޔާނެއްގައި ބުނެފައިވެއެވެ.

މިއީ އިސްރާއީލުގެ ހަތިޔާރު ސްޓޮކް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އެހީތެރިކަމުގެ ތެރެއިން ކޮށްދެއްވި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އިސްރާއީލަށް 9000 ކިލޯގެ ބޮން ވިއްކުމުގެ ހުއްދަ ދެއްވުމެވެ. އެއީ ކުރީ ސަރުކާރުން ހުރަސް އަޅާފައި އޮތް ކަމެކެވެ.

މި ތަކެތި ފޯރުކޮށްދޭން ފަށާނީ މި އަހަރުއެވެ.

އެމެރިކާ އިން ހަތިޔާރުގެ އައު ޝިޕްމެންޓެއް ވިއްކުމަށް މި ނިންމީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ޒިޔާރަތް ކުރައްވާ ޓްރަމްޕް އާ ބައްދަލުކުރެއްވުމާ އެކުގައެވެ.

ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި، އެމެރިކާއިން އިސްރާއީލަށް 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ހަނގުރާމަ އިޢުލާންކުރި ދުވަސްވަރެވެ. މި އަދަދަކީ އާންމުކޮށް އެމެރިކާ އިން އިސްރާއީލަށް އަހަރަކު ދޭ އަސްކަރީ އެހީގެ 6 ގުނަ އިތުރު އަދަދެކެވެ.

2024 ވަނަ އަހަރުގެ ޖަނަވަރީ މަހު، އެމެރިކާގެ ކުރީގެ އޮފިޝަލުންގެ އެތައް ބަޔަކު އެއްބަސްވެފައިވަނީ އެމެރިކާގެ އަސްކަރީ އެހީ ނެތި އިސްރާއީލަށް ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ނުހިންގޭނެ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނުރައްކާތެރި ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އިތުރު ވަމުން ދާއިރު ވެސް، އެމެރިކާ އިން އިސްރާއީލަށް އަސްކަރީ އެހީ ފޯރުކޮށްދިނުން ކުރިއަށް ގެންދެއެވެ. އަދި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު ޣައްޒާ ސުންނާފަތި ކޮށްލުމުގައި އެމެރިކާ ބައިވެރިވާކަމުގެ ތުހުމަތުތަކަށް އެގައުމުން ދެނީ ބީރު ކަންފަތެކެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ 15 މަސްދުވަހުގެ ތެރޭގައި، 47,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވިއެވެ. އަދި 110,000 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ގިނަ އަދަދެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ. ޣައްޒާގެ 2.3 މިލިއަން އާބާދީ ވަނީ ނިކަމެތިކަމަށް ވެއްޓިފައެވެ. އަދި ޣައްޒާގެ ގިނަ ސަރަޙައްދުތައް ވަނީ ވީރާނާވެފައެވެ.                                        

- ކޮމެންޓް