އިސްރާއީލު ނުވަތަ އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީ އަކަށް ހަމަލާ ދީފި ނަމަ، އެކަމުގެ ސަބަބުން މުޅި ސަރަޙައްދު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވެއްޓިގެންދާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
ޤަޠަރަށް ކުރެއްވި ދަތުރުފުޅެއްގައި އަލް ޖަޒީރާ އަރަބިކް އަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ އިންޒާރު ދެއްވާފައިވަނީ އީރާނުގެ ނިއުކްލިއަރ ތަންތަނަށް އަސްކަރީ ހަމަލާއެއް ދިނުމަކީ "އެމެރިކާ އަށް ދުވަހަކު ވެސް ހެދޭނެ އެންމެ ބޮޑު ގޯސް؛" ކަމުގައެވެ.
އަރަގްޗީ ވިދާޅުވީ އެއްވެސް ހަމަލާއެއް ދީފިނަމަ އީރާނުން "ވަގުތުން އަދި ހަރުކަށިކަމާއެކު" ޖަވާބުދާރީވާނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރަޙައްދުގައި "ފުރިހަމަ ހަނގުރާމައެއް" ފެށިގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ދެވަނަ ދައުރުގައި، އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަށް އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމުގެ ބާރު އެމެރިކާ އިން ދީފާނެ ކަމުގެ ކަންބޮޑުވުން އީރާނުގައި އިތުރުވެފައިވެއެވެ.
އަރަގްޗީ ވިދާޅުވީ އޭނާ ދޯހާގައި ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ އާ ބައްދަލު ކުރައްވައި ސަރަޙައްދުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
"ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް ގަތަރުން އަދާކުރި މެދުވެރިއެއްގެ ދައުރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތަޢުރީފުކުރަން،" އަރަގްޗީ ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އަރަގްޗީ ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ހަމާސްގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. އަދި ވިދާޅުވީ އިސްރާއީލުން ޣައްޒާ ގައި ކުރި ހަނގުރާމައިގެ ބޮޑެތި ގެއްލުންތަކާ އެކުވެސް، ފަލަސްތީނު ރައްޔިތުން "ކާމިޔާބު" ވެފައިވާ ކަމަށެވެ.
ޓްރަމްޕް އަލުން އިންތިޚާބުވުމާ ގުޅޭގޮތުން އަރަގްޗީ ވިދާޅުވީ އީރާނާއި އެމެރިކާގެ ގުޅުންތަކުގެ ތާރީޚު ބިނާވެފައިވަނީ "އަދާވާތްތެރިކަމާއި އިތުބާރު ނުކުރުމުގެ" މައްޗަށް ކަމަށެވެ.
އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕް ގެ ފުރަތަމަ ސަރުކާރުން އީރާނާ އެކު ހަދާފައިވާ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ޤުދްސް ފޯސް ގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ ވަނީ އަވަހާރަކޮށްލާފައެވެ.
އަރަގްޗީ ގޮވާލެއްވީ އިތުބާރު އަލުން އުފެއްދުމަށް ޓްރަމްޕް ގެ ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ގޮތުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެމެރިކާ އާއެކު ސީދާ މަޝްވަރާ ކުރުމަށް އީރާނުން އިއުތިރާޒު ނުކުރާ ކަމަށާއި، އެކަމަކު މަޝްވަރާތައް ހަމައެކަނި ނިއުކްލިއަރ މައްސަލަތަކަށް ހަނިކުރުމަށް އީރާނުން އިންކާރު ކުރާ ކަމަށެވެ.