އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސީތާރާމަން ހުށަހެޅުއްވި 2025 ގެ ޔޫނިއަން ބަޖެޓުގައި އިންޑިއާ އިން ދިވެހިރާއްޖޭގެ ތަރައްޤީ އަށް އެހީގެ ގޮތުގައި 600 ކްރޯޑު ރުޕީސް ކަނޑައަޅައިފިއެވެ.
މިއީ 2025 ގެ ބަޖެޓުގައި އަވައްޓެރި ގައުމުތަކަށް ދޭ އެހީގެ އިންސައްތައިން ބަލާއިރު ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުން ކަމަށް އިންޑިއާގެ މީޑިއާ އިން ފާހަގަ ކުރެއެވެ.
އަނެއްކޮޅުން 2024-25 ގެ މާލީ އަހަރުގައި ކަނޑައެޅުނު 470 ކްރޯޑު ރުޕީސް އާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު އިތުރުވުމެކެވެ.
2024 ވަނަ އަހަރު ދެ ޤައުމުގެ ގުޅުން ގޯސްވުމާ ގުޅިގެން އެހީ ކުޑަކުރުމަށް ފަހު، މިހާރު ކަނޑައެޅި އެހީ އަކީ ކުރީ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 28 އިންސައްތައިގެ އިތުރުވުމެއް ކަން ފާހަގަ ކުރެވެއެވެ.
އެހީ ކުޑަކުރެވުނީ 2024 ގެ ޖަނަވަރީ މަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ މަލިކަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މުއިއްޒު ސަރުކާރުގެ ބައެއް އިސްވެރިން ބޮޑުވަޒީރަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތަކުން ފާޑުކިޔާ ހެދުމާއެކު ޑިޕްލޮމެޓިކް ގުޅުން ގޯސްވުމާ އެކުގައެވެ.
އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި ބަޖެޓު ބޮޑުކޮށްދީފައި މިވަނީ ދެ ގައުމުގެ ދެމެދުގައި އިސް ފަންތީގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އިންޑިއާގެ މުހިންމުކަން ޑރ. މުއިއްޒުގެ ސަރުކާރުން ބަލައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކަމުގައެވެ.
އެ ގޮތުން 2024 ވަނަ އަހަރުގެ ކުރީކޮޅު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ފަހު، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން މައުމޫން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާއެކު، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ އެއްބާރުލުން އަލުން ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އިންޑިއާގެ މީޑިއާ އިން ބުނެފައިވެއެވެ.
"އިންޑިއާ އައުޓް" ޕްލެޓްފޯމެއްގައި ކެމްޕޭނު ކުރެއްވި ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުޢިއްޒު 2024 ގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާއެކު ބޭއްވުނު ދެ ފަރާތުގެ މަޝްވަރާތަކުގައި އިންޑިއާ އަކީ "މުހިންމު ބައިވެރިއެއް" ކަމުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.
ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ އިން 2025 ވަނަ އަހަރު އެންމެ ބޮޑު އެހީ އެއް ދޭން ކަނޑައަޅާފައިވަނީ ބޫޓާން އަށެވެ. 2025 ވަނަ އަހަރު ބޫޓާނަށް 2،150 ކްރޯޑް ރުޕީސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރު ކަނޑައެޅި 2،068 ކްރޯޑު ރުޕީސް އަށްވުރެ އިތުރު އަދަދެކެވެ. އިންޑިއާ އަކީ ބޫޓާންގެ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއެވެ.
އިންޑިއާގެ 2025 ވަނަ އަހަރުގެ ބަޖެޓުގައި އަފްޣާނިސްތާނަށް ދޭ އެހީގެ އަދަދު މިދިޔަ އަހަރަށް ވުރެ ކުޑަކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އިންޑިއާ އިން ވަނީ ޠާލިބާން ސަރުކާރާއެކު ކުރާ މުޢާމަލާތްތައް އިންސާނީ އެހީ އާއި އިޤްތިޞާދީ އެއްބާރުލުމަށް އެކަނި ހަނިކޮށްފައެވެ.
އަހަރީ ބަޖެޓުގައި އިންޑިއާ އިން ނޭޕާލަށް ކަނޑައަޅާފައިވާ އެހީގެ އަދަދު 700 ކްރޯޑު ރުޕީސްގައި ވަނީ ދަމަހައްޓާފައިވެއެވެ.
ސްރީލަންކާއަށް ކަނޑައަޅާފައިވާ އަދަދު 245 ކްރޯޑު ރުޕީސް އިން 300 ކްރޯޑު ރުޕީސް އަށް އިތުރުކޮށްފައިވެއެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ވައްޓާލުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް ހިތްހަމަނުޖެހުމާއެކު ވެސް، ބަންގްލަދޭޝް އަށް ދޭ އެހީގެ އަދަދު 120 ކްރޯޑު ރުޕީސް ގައި ބަދަލެއް ނުގެނެސް ދަމަހައްޓާފައިވެއެވެ. ޝެއިޚް ހަސީނާ އަށް އިންޑިއާގައި ސިޔާސީ ހިމާޔަތް ދީފައިވާއިރު، މުޙައްމަދު ޔޫނުސްގެ ވެރިކަމުގެ ދަށުން އޮތް ސަރުކާރުން އޭނާ އަނބުރާ ގެންދިއުމަށް އިންޑިއާ އަށް ދަނީ ޕްރެޝަރ ކުރަމުންނެވެ.
ނޯޓު: (1 ޑޮލަރު = 86.5650 އިންޑިއަން ރުޕީސް)