ރައްޔިތުންގެ ހައްގުގައި ދެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ނުކުންނާނީ ނަސްރުގެ މައިދާނަށް ކަމަށް އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުގައި މެންބަރު ނާޒިލް ވިދާޅުވީ މިސަރުކާރުގައި މިއީ އެމްޑީޕީން ރައްޔިތުންގެ ހައްގުގައި ނުކުތް 3 ވަނަ ފަހަރު ކަމަށާއި، 4 ވަނަ ފަހަރަށް ނުކުންނާނީ ނަސްރުގެ މައިދާނަށް ކަމަށެވެ.
މެންބަރު ނާޒިލް ވިދާޅުވީ އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ނުކުތީ އާޓިފިޝަލް ބީޗަށް ކަމަށާއި، ދެވަނަ ފަހަރަށް ނުކުތީ ކާނިވާ ސަރަހައްދަށް ކަމަށެވެ. އަދި 3 ވަނަ ފަހަރަށް މަގުމައްޗަށް ނުކުތީ ރައްޔިތުންގެ އަޑު ސަރުކާރަށް ނީވޭތީވެ އެ އަޑު އިއްވުމަށް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަޅުގަނޑުމެން މި ހޯދައިދެނީ ދިވެހިރައްޔިތުންގެ ހައްގު، ދުވަސްވީ މީހުންގެ ހައްގު، މަސްވެރިންގެ ހައްގު. އެންމެ އާދައިގެ ކަރަންޓު ބިލު ދައްކާ އާދައިގެ މީހާގެ ހައްގު، ފެން ބިލު ދައްކާ މީހާގެ ހައްގު. ދިވެހި ހުރިހާ ރައްޔިތުންގެ ހައްގު. އަޅުގަނޑުމެން މި ހައްގު ހޯދަން ދެން ނުކުންނާނީ ނަސްރުގެ މައިދާނަށް. ދިދަ އެހުރީ ނަސްރުގެ މައިދާނުގައި. އަޅުގަނޑުމެން މި ހައްގު ހޯދާނަން. އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު މި ހައްގު ރައްޔިތުން ބޭނުންކަން. ރައްޔިތުން އެމަންޒަރު ދައްކައިފި ހައްގު ބޭނުންވާކަންޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މެންބަރު ނާޒިލް ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާ ވެސް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ލިބެންދެން މަސައްކަތް ކުރާނެ ކަމަށާއި، މިމަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވަރުގަދަ ކުރާނެ ކަމަށެވެ.