ރާއްޖޭގެ ހާލަތަު މިހާރު މިއޮތީ ވަރަށް ގޯސްވެފައި ކަމަށާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ ރައްޔިތުންނަށް ޓަކައި ވެސް ރައީސްކަމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެެސްދިން "ފުދިއްޖެ ފުނޑިއްޖެ" ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ރައީސް މުއިއްޒަކީ އެމަނިކުފާނު ހިތައް އެރިހާގޮތަކަށް، އެމަނިކުފާނަށް ފެންނަ ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންނަށް ވިސްނައިގެން ރައްޔިތުންގެ ހައްގުގައި ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
މޮސްޓާ ވިދާޅުވީ އޭރު ރައީސް މުއިއްޒުގެ ވަރަށް ގިނަ ކެމްޕޭނު ޖަލްސާތަކާއި އިވެންޓުތަކުގައި ބައިވެރިވި ކަމަށާއި އެ ހުރިހާ ޖަލްސާތަކެއްގައި ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ދައްވެގެން އުޅުއްވާކަމުގެ ވާހަކަތައް ވަރަށް ގިނައިން ދެއްކެވި ކަމަށެވެ. އަދި ގައުމުގެ ހާލަތު އެހާ ދަށަށް ވެއްޓިގެން ގޮސްފައިވަނީ ނިމިދި ސަރުކާރުގެ ސަބަބުން ކަމަށް ބުނެފައިވާ ކަމަށާއި އަދި މުޅިންވެސް ކުއްވެރި ކުރަމުން އައީ ކުރީގެ ސަރުކާރުތައް ކަމަށް މޮސްޓާ ވިދަޅުވިއެވެ.
އަދި އޭރު ބޭއްވެވި ކެމްޕޭނު ޖަލްސާތަކުގައި ވަރަށް ގިނަ ބޭރުގެ ޖަމްޢިއްޔާ ޖަމާއަތްތަކުންނާއި ބޭރުގެ ދައުލަތްތަކުން ރާއްޖެއަށް މާލީ އެހީލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔަ ކަމަށާއި ނަމަވެސް މި އަދާއި ހަމައަށް އައިއިރުވެސް އެ ވިދާޅުވި ފެހިސިގްނަލަކުން ނޭރިކަމަށް މޮސްޓާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަލާލުވެވަޑައިގެންނެވި އިރުވެސް ތަކުރާރުކޮށް ގައުމުގައި ފައިސާ އެބަހުރިކަމަށާއި ގައުމު ހިންގޭނޭ ކަމަށް ވިދާޅުވަމުން ގެންދިޔަކަމަށާއި ނަމަވެސް ގައުމު މިއަދު މިއޮތީ ދަތި ހާލަތެއްގައި ކަމަށް ވިދާޅުވެ، ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކަނޑާލައިފިކަމަށް މޮސްޓާ ވިދާޅުވިއެވެ. ނަމަވެސް އޭރު ވެސް ލިބުނު ވަރަށް އެންމެ ތަންފުކެއްވެސް މަދު ނުވެ ދައުލަތަށް ފައިސާ ލިބެމުން އަންނަ ކަން މޮސްޓާ ފާހަގަކުރެއްވިއެވެ.
މޮސްޓާ ވިދާޅުވީ މަސް ނިމިގެން އަނެއްމަހުގެ ފަސް ވަނަ ދުވަހަށް އަރާއިރުވެސް ފެނަކަ މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށާއި މިއީ އޭނާގެ ސިޔާސީ ހަޔާތުގައި މިފަދަ ހާލަތަކަށް މި ގައުމު ވެއްޓުނު ތަން ފެންނަ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ގައުމު މި ފެންވަރަށް ވެއްޓިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވަން ޖެހޭވަރުގެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން މާލަސްވެއްޖެ ކަމަށާއި ގައުމުގެ ރައްޔިތުންނަށް ޓަަކައިވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުން މިހާރަށް ވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.
ދުނިޔޭގައި ތިބުނާވަރުގެ ކަންތައްތަކެއް ނުހިގައޭ. ކުދި ދެތިން ހަނގުރާމައެއް އެނަ ހިނގާ. އެހެން ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްފިހެއްޔޭ، ކޮވިޑް ގަ އައިކަހަލަ.. އެކަމަކު ހަމަ މިއުޅެނީ މި ގައުމު ސަލާމަތް ނުވެގެން. އަޅުގަނޑު ހަނދާނެއް ނުވޭ، އަޅުގަނޑުގެ ސިޔާސީ ކަންތަކުގަ އުޅެން ފެށިއްސުރެ، ފެނަކަ ތަންތާގަ މަހުގެ ފަހަކަށް ދިޔައިރު މުސާރަ ނުދެވޭ ސަރުކާރެއް މިނޫނިއްޔަކާއެއް. ސަރުކާރުގެ ކުންފުނިތަކުގައި މަހުގެ ފަސްނަ ދުވަހާއި ހަމައަށް ދިޔައިރު، މުސާރަ ނުދެވޭ. މި ލެވެލްއަށް ދިޔާމަ އެބަ ޖެހޭ ކަންނޭންގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން. މިހާރު ލަސްވެެސް ވެއްޖެ އިސްތިއުފާ ދޭން. ދިވެހިންނަށް ޓަކައި، ދިވެހި ގައުމަށް ޓަކައި އެބަ ޖެހޭ ކަންނޭންގެ އިސްތިއުފާ ދޭން.މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
މޮސްޓާ ވިދާޅުވީ މި ސަރުކާރުން އިގްތިސާދީ ގޮތުން ގައުމު ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ބުނެ ވާހަކަ ދައްކާއިރު، ކޮވިޑް ގައި ދިމާވި ވަރުގެ އިގްތިސާދީ ހީނަރުކަމެއް އަދި މި ސަރުކާރު އައިފަހުން ކުރިމަތި ނުވާ ކަމަށެވެ. އެހެން ކަމުން ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.