އިންޑިއާ އިން ރާއްޖެ އަށް ދެމުންދާ މަލީ އެހީތެރިކަމާ މެދު އެ ގައުމުން އަލުން ވިސްނަމުންދާ ކަމަށް އިންޑިއާގެ ބައެއް މީޑިއާ ތަކުން ބުނެފިއެވެ.
އިންޑިއާ އިން މި ގޮތައް ނިންމީ ދިވެހިރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މި މަހުން ފެށިގެން ތަންފީޒުކުރަން ފެށުމާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެވެ.
ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި، އެފްޓީއޭގެ ދަށުން ޗައިނާ އިން ރާއްޖެއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިއުޓީ އުނިކުރުމާ ގުޅިގެން ދިވެހިރާއްޖެއަށް އަހަރަކު 30-40 މިލިއަން ޑޮލަރުގެ ގެއްލުންވާނެއެވެ.
އިގްތިސާދާއި އުފެއްދުންތެރި ކަމުގެ ގޮތުން އިންތިހާ އަށް ތަފާތު ބޮޑު ދެ ގައުމުގެ ދެމެދުގައި މިހެދި ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ތަޖުރިބާކާރުން ދެކޭ ގޮތުގައި ދިވެހިރާއްޖެއިން ނޮވެމްބަރު މަހު ތުރުކީއާއެކު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ގެ ސަބަބުން ވެސް ދިވެހިރާއްޖެއަށް އާމްދަނީގެ ގޮތުން ގެއްލުން ވާނެއެވެ. މި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ފަރާތުން އެއްބަސްވާ ތާރީޚެއްގައެވެ.
އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި އިންޑިއާ އަށް ރާއްޖޭން ދައްކަން ޖެހޭ ދަރަނި އަނބުރާ ދެއްކުމުގައި ވަގުތީ ލުޔެއް ދީފައިވީ ނަމަވެސް، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ދަރަނީގެ ހާލަތާ ބެހޭ މަޢުލޫމާތު ސާފުކޮށް ހާމަކޮށްފައި ނުވުމާއި، އިޤްތިޞާދީ އިޞްލާޙުތައް ގެންނަމުން ނުދިއުމާ ގުޅިގެން ދަރަނި އަދާކުރެވިދާނެކަމާމެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ކޮވިޑް-19 އާއި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީގެ ގެއްލުމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. އަދި އިންޑިއާއިން ދީފައިވާ ބޮޑެތި މާލީ އެހީތެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، އިޤްތިޞާދީ ގޮތުން އެރި ލޮޅުންތައް ކުޑަކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ދެ ޓްރެޜަރީ ބިލް އަދި 6.4 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ރޯލްއޯވަރ ކޮށްދިނުމުގެ އިތުރުން، 400 މިލިއަން ޑޮލަރާއި 3،000 ކުރޯޑް އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެސް ވަނީ ވެފައެވެ.
ރައީސް މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި މުދަލާއި ޚިދުމަތުގެ ވިޔަފާރި އަށް އަމާޒު ކޮށްގެން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާކުރަން ފަށާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒުގެ ވެރިކަން ފާހަގަ ކުރެވިފައިވަނީ ޚާރިޖީ ގުޅުންތަކުގައި ވަކި މިސްރާބެއް ނެތް ސިޔާސަތުތަކެއް ގެންގުޅެމުން އަންނަ ސަރުކާރެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.