ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދެވަނަ ދަރިފުޅު ޔޮޝިތާ ރާޖަޕަކްސާ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރު ކުރުމަށް ލަންކާގެ ސީ.އައި.ޑީ އަށް އިރުޝާދު ދެއްވި ބަންޑާރަނައިބު ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރީ 34 މިލިއަން ރުފިޔާގެ ބިމެއްގެ މައްސަލައެއްގައި ދަޢުވާ ލިބޭ ފަރާތެއްގެ ގޮތުގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިގެން ކަމުގައެވެ.
ބަންޑާރަނައިބުގެ އަމުރަށް ސީ.އައި.ޑީގެ ޓީމަކުން ޔޮޝިތާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަގުމަތީގައި ދަތުރު ކުރަމުން ދަނިކޮށްނެވެ.
ޔޮޝިތާ ރާޖަޕަކްސާ ހައްޔަރުކޮށްފައިވަނީ އޭނާއަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލަކަށް ވީތީ ނޫން ކަމަށް ބުނެ، ކެބިނެޓްގެ ތަރުޖަމާނު މިނިސްޓަރ ނަލިންދާ ޖަޔަތިއްސާ މިއަދު ވިދާޅުވެފައިވަނީ މީހަކު ގެއެއް ނުވަތަ ބިމެއް ގަނެފައިވަނީ ގާނޫނާ ޚިލާފަށް ނުވަތަ ޝައްކު އުފެދޭ ގޮތަކަށް ކަމުގައިވާނަމަ ގާނޫނު އެމީހެއްގެ މައްޗަށް ތަންފީޒުކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުގައި ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ބައެއް މީހުން ބުނާ ގޮތާ ޚިލާފަށް އޭނާ ހައްޔަރު ކުރުމުގެ ފަހަތުގައި ސިޔާސީ އަދާވާތްތެރިކަމެއް ނެތް ކަމަށެވެ.
"މީހަކު ބިމެއް ނުވަތަ ގެއެއް ގަނެފައިވަނީ ގާނޫނާ ޚިލާފަށް ނުވަތަ ޝައްކު އުފެދޭ ގޮތަކަށް ކަމުގައިވާ ނަމަ އަދި އެފަދަ މައްސަލަތަކުގައި ސީ.އައި.ޑީން ތަޙުޤީޤު ކުރާނަމަ، ގާނޫނު ތަންފީޒުކުރެވޭނެ. ޔޮޝިތާ ހައްޔަރުކޮށްފައިވަނީ އޭނާއަކީ މަހިންދާ ރާޖަޕަކްސާގެ ދަރިއެއް ކަމަށްވާތީ ނޫން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފެށިފައިވާ ތަޙުޤީޤުތައް ކުރިއަށްދާ ކަމަށާއި، ސީ.އައި.ޑީ އާއި ފުލުހުން ކޯޓަށް ހުށަހެޅުންތައް ހުށަހަޅައި އެއާ އެއްގޮތަށް ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.