ކ. މާލެ
|
25 ޖެނުއަރީ 2025 | ހޮނިހިރު 07:28
2024 ނޮވެމްބަރު 26 ގައި އިސްރާއީލު ސިފައިން ދެކުނު ލުބުނާނުގެ ނަބާތިއާ އަށް ހަމަލާދީ އިމާރާތެއް ހަލާކުކޮށްލާފައި
2024 ނޮވެމްބަރު 26 ގައި އިސްރާއީލު ސިފައިން ދެކުނު ލުބުނާނުގެ ނަބާތިއާ އަށް ހަމަލާދީ އިމާރާތެއް ހަލާކުކޮށްލާފައި
ގެޓީ އިމޭޖަސް
ލުބުނާން-އިސްރާއީލު ހަމަނުޖެހުން
އެއްބަސްވުމުގެ ސުންގަޑިއަށް އިސްރާއީލު ސިފައިން ލުބުނާނުން ނުބާލާނެ ކަމަށް ބުނެފި
ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލާއި ހިޒްބުﷲ ގެ ބާރުތައް ޖެނުއަރީ 26 ވަނަ ދުވަހުގެ ކުރިން ދެކުނު ލުބުނާނުން ގެންދަން ޖެހެއެވެ. މިއީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 60 ދުވަހުގެ މުއްދަތު ހަމަވާ ދުވަހެވެ.

މަސްތަކެއް ވަންދެން ހިނގަމުން ދިޔަ ލުބުނާނުގެ ހަނގުރާމަ ނިމުމަކަށް ގެނައި އެއްބަސްވުމާ ޚިލާފަށް، އާދީއްތަ ދުވަހުގެ ސުންގަޑި އަށް ސިފައިން ލުބުނާނުން ނުބާލާނެ ކަމަށް އިސްރާއީލު ސަރުކާރުން ބުނެފި އެވެ. 

ހިޒްބުﷲ އާ އެކު އިސްރާއީލުން ވީ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އެ ޤައުމުގެ ހުރިހާ ސިފައިން ދެކުނު ލުބުނާނުން ބާލަން ޖެހޭ ނަމަވެސް، އިސްރާއީލު ސަރުކާރުން ބުނެފައިވަނީ، އެ ޤައުމުގެ ބައެއް ސިފައިން ދެކުނު ލުބުނާނުގައި ބައިތިއްބާނެ ކަމަށެވެ. އަދި މިއީ ލުބުނާނުން އެ އެއްބަސްވުމުގެ ދަށުން އަދާކުރަން ޖެހޭ ބައި އަދާނުކުރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. 

"އައި.ޑީ.އެފް (އިސްރާއީލު ޑިފެންސް ފޯސަސް) ގެ ސިފައިން ގެންދިއުން ބިނާވެގެންވަނީ ލުބުނާން ސިފައިން ދެކުނު ލުބުނާނުގައި ގާއިމުވާ މިންވަރުގެ މައްޗަށެވެ،" އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ހަނގުރާމަ "ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނުން އަދިވެސް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާތީ، ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމެރިކާއާ ފުރިހަމަ އަށް ވިލަރެސް ކޮށްގެންނެވެ." 

ހުކުރު ދުވަހު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނު ބްރަޔަން ހިއުޒް ބުނެފައިވަނީ، އެމެރިކާއިން ބައިވެރިންނާއެކު މަސައްކަތް ކުރަމުން ދަނީ އިސްރާއީލު ސިފައިން ލުބުނާނުގައި ބޭތިއްބުން "ކުރު" މުއްދަތަކަށް އިތުރުކުރުމަށް ކަމަށެވެ. 

ހުކުރު ދުވަހު ލުބުނާނުގެ ސަލާމަތީ މަސްދަރަކުން ސީ.އެން.އެން އަށް ބުނެފައިވަނީ، 60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު އިސްރާއީލުގެ ސިފައިން ލުބުނާނުގައި ބޭތިއްބުމާ ބެހޭ ގޮތުން ރަސްމީ އެންގުމެއް ލުބުނާނުގެ ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ. 

ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލާއި ހިޒްބުﷲ ގެ ބާރުތައް ޖެނުއަރީ 26 ވަނަ ދުވަހުގެ ކުރިން ދެކުނު ލުބުނާނުން ގެންދަން ޖެހެއެވެ. މިއީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 60 ދުވަހުގެ މުއްދަތު ހަމަވާ ދުވަހެވެ. 

ބުރާސްފަތި ދުވަހު ހިޒްބުﷲ އިން އިންޒާރު ދީފައިވަނީ، އާދީއްތަ ދުވަހުގެ ފަހުން އިސްރާއީލުގެ ސިފައިން ލުބުނާނުގައި ބޭތިއްބުމަކީ "އެއްބަސްވުމާ ސީދާ ޚިލާފުވުން" ކަމުގައި ބެލެވޭނެ ކަމަށެވެ.  

އިސްރާއީލުގެ ސިފައިން ދެކުނު ލުބުނާނަށް އަރައިގަތީ ހުސްވި އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުއެވެ. 

އިސްރާއީލު ސަރުކާރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އަންގާފައިވަނީ، އިސްރާއީލުގެ ސިފައިން މަދުވެގެން އިތުރު 30 ދުވަހު ލުބުނާނުގައި ބޭތިއްބުމަށް ބޭނުންވާ ކަމަށެވެ. މިކަން ސީ.އެން.އެންއަށް ހާމަކުރީ އިސްރާއީލުގެ އިސް އޮފިޝަލެކެވެ. އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވައި މި މައްސަލަ މަޝްވަރާކޮށްފައިވެއެވެ.

- ކޮމެންޓް