ކ. މާލެ
|
24 ޖެނުއަރީ 2025 | ހުކުރު 18:32
 ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
އިމިގްރޭޝަން
އިމިގްރޭޝަން ޕާސްޕޯޓް
ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސައިފި
ހޮނިހިރު ދުވަހުން ފެށިގެން ހަފްތާގެ ކޮންމެ ހޮނިހިރު ދުވަހަކު މާލެ ސަރަހައްދުގައި ހުންނަ އިމިގްރޭޝަން ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވޭ
ހޮނިހިރު ދުވަހު ހިދުމަތް ދިނުމުގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ހިދުމަތްދޭ ވަގުތު އިތުރުކުރުން

މާލެ ސަރަހައްދުގައި ހިމެނޭ އެ އިދާރާގެ އޮފީސްތަކުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

މީގެ ކުރިން އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަމުން އަންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގަ އެވެ.

އެ އިދާރާއިން ދަނީ ވެލާނާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ އިދާރާގެ އޮފީހުގެ އިތުރުން ވިލިމާލެ އީ-ބްލޮކް އަދި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން ޕާސްޕޯޓު ދޫކުރަމުންނެވެ.

އެ އޮފީސްތަކުގެ އިތުރުން ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާގެ ކޮންމެ ހޮނިހިރު ދުވަހަކު މާލެ ސަރަހައްދުގައި ހިމެނޭ އެ އިދާރާގެ ތިން އޮފީހަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ހިދުމަތް ދޭނީ މާލެ އާއި ހުޅުމާލޭގެ ދެ ފޭސްގައި ހުންނަ އިމިގްރޭޝަނުގެ އޮފީސްތަކުންނެވެ.

ޕާސްޕޯޓު ދޫކުރަން ނަމްބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހު ހިދުމަތް ދިނުމުގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ހިދުމަތްދޭ ވަގުތު އިތުރުކުރުން ކަމަށާއި އަދި ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމުގަ އެވެ.

މެޑިކަލް އެމަޖެންސީގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ހަފުތާގެ ހަތް ދުވަހު ހިދުމަތް ލިބޭނެ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

- ކޮމެންޓް