އެޗްވައިސީ އިންޓަ އޮފީސް ބެޑްމިންޓަން ޗެލެންޖް 2017 ގެ ނަމުގައި ނ. ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިންތިޒާމްކޮށްގެން މުބާރާތެއް ބާއްވައިފި އެވެ.
ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއާ ގުޅިގެން ކުރިޔަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސް، ބޭންކް އޮފް މޯލްޑިވްސް، ހޮޅުދޫ ކައުންސިލް، ހެލްތް ސެންޓާ އަދި ހޮޅުދޫ މޭނާ ސްކޫލެވެ.
ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ދަށުން އުފެދިފައިވާ ގޮތްޕެކެވެ.
ޖުމްލަ ހަ ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ފައިނަލްގައި ބައްދަލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން އާއި ހޮޅުދޫ މޭނާ ސްކޫލެވެ.
މުބާރާތުގެ ސިންގަލްސް ފިރިހެން އަދި އަންހެން މެޗް ކާމިޔާބުކޮށްފައި ވަނީ ފެނަކައިންނެވެ. އަދި ޑަބަލްސް ފިރިހެން މެޗް ހޮޅުދޫ މޭނާ ސްކޫލުން ކާމިޔާބުކޮށްފައިވާއިރު، އަންހެން ޑަބަލްސް މެޗް ވެސް ކާމިޔާބުކުރީ ފެނަކައިންނެވެ.
އެގޮތުން ޓީމް އިވެންޓަށް ބަލާއިރު 1-3 ގެ ނަތީޖާއަކުން ފެނެކައިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. ކޮންމެ ޓީމަކުން ވެސް ބޭރު ތިން ކުޅުންތެރިން ބައިވެރިކުރެވޭ ގޮތަށް ކުރިޔަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އާއިޝަތު އަފްނާން ރަޝީދު އެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކީ އިބްރާހީމް ސަމީހުއެވެ. މިދެ ކުޅުންތެރިން ވެސް ބައިވެރިވެފައި ވަނީ ފެނަކައިންނެވެ.
މީގެ އިތުރުން އަތޮޅު ލީގުގައި މިހާރު ވެސް ކުޅެމުން އަންނަ ބ. އޭދަފުށި ހުސައިން މުހައްމަދު ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތުގައި ކޯޗުންނާއި މެނޭޖަރުން ހިމެނޭގޮތަށް ޖުމްލަ 72 ބައިވެރިން ވަނީ ފެނިގެންގޮސްފައެވެ.
ނ.ހޮޅުދޫ ޒުވާނުނުންގެ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަޙްމަދު ހަމްދާން ވިދާޅުވި ގޮތުގައި މި މުބާރާތުގެ މަގްސަދަކީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އަތޮޅާއި ރަށުގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރުމެވެ.