ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 11:31
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން
އިތުރު ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް ނެތް: ޒިދާން

މިވަގުތު ރެއާލްގައި ތިބި ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޑިޕޯޓިވޯ އަތުން ރެއާލް މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ މިވަގުތު ރެއާލްގެ ސްކޮޑުގައި ތިބި ކުޅުންތެރިންނާއި މެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އިތުރު ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މީގެ އިތުރުން ވެސް އޭނާ ބުނެފައިވަނީ މި ސްކޮޑާއިއެކު އޭނާއަށް އިތުރު ކާމިޔާބުތަކާއި ހަމައަށް ވާސިލްވެވޭނެ ކަމަށެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލްއިން ވަނީ ޒުވާން ދެ ކުޅުންތެރިޔަކު ގެނެސްފައެވެ. އެގޮތުން ތިއޯ ހަނާންޑޭޒްއާއި 21 އަހަރުން ދަށުގެ ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ޑެނީ ސެބަލޯސް ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ. އެހެންނަމަވެސް ކޮލަމްބިއާގެ މިޑްފީލްޑާ ޖޭމްސް ރޮޑްރިގޭޒްއާއި މޮރާޓާގެ އިތުރުން ޑެނީލޯ ވަނީ އެ ޓީމު ދޫކޮށް އެހެން ކްލަބުތަކަށް ބަދަލުވެފައެވެ.

ވޭތުވެ ދިޔަ ހަފްތާތަކުގައި ރެއާލްއިން މޮނާކޯގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުވަނީ ފެތުރިފައެވެ.

މި ބައްދަލުވުމުގައި ޒިދާންވަނީ ރެއާލްގެ ޑިފެންޑާ ނާޗޯ  ފަނާންޑޭޒްއަށް ވަރަށް ބޯޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ޑިޕޯޓިވޯއާއި ދެކޮޅަށް ނާޗޯ ދައްކާފަވަނި ވަރަށް މޮޅު ކުޅުމެއްކަމަށާއި އޭނާއަކީ ހުރިހާ މެޗެއްގައިވެސް ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ޒިދާންވަނީ 2016 ވަނަ އަހަރު ރެއާލްގެ ކޯޗުކަމާއި ހަވާލުވި ފަހުން އެ ޓީމަށް ހަތް ތަށި ކާމިޔާބުކޮށްދީފައެވެ.

- ކޮމެންޓް